2026 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުއަރީ މަހު ފަށައި ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ލިބޭ ގޮތަށް އެކަޑަމިކް ކަލަންޑަރަށް ބަދަލު ގެނެސްފިއެވެ.
ޒަމާނުންސުރެ ރާއްޖޭގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގައެވެ. އެހެންނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް ވިސްނަވާ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން އަހަރުގެ މެދު ތެރެއަށް ބަދަލުކުރައްވާފައެވެ.
އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުމުން ފާޅުކުރަމުން ދަނިކޮށް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވެރިކަމަށް އިންތިހާބުވެވަޑައިގެންފިނަމަ ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުއަރީ މަހު ފެށޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީއިން ނެރުނު ވަގުތީ އެކަޑަމިކް ކަލަންޑަރުގައި ފާހަގަކޮށްފައިވާ ގޮތުގައި އަންނަ އަހަރުގެ ކިޔެވުން ފެށޭނީ އަަންނަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ފުރަތަމަ ޓާމުގެ މިޑް ބްރޭކްއަކީ މެއި މަހުގެ 24 އިން 30 އަށެވެ.
ފުރަތަމަ ޓާމުގެ ޗުއްޓީ ލިބޭނީ ޖުލައި މަހުގެ 17 އިން އޮގަސްޓް މަހުގެ 1 ވަނަ ދުވަހަށެވެ. އަދި 2 ވަނަ ޓާމުގެ ކިޔެވުން ފެށޭނީ ފެށޭނީ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ.
ދެވަނަ ޓާމުގެ މިޑް ބްރޭކް ސެޕްޓެމްބަރު މަހުގެ 13 އިން 19 އަށް ކަނޑައަޅާފައި ވާއިރު އަންނަ އަހަރުގެ ބޮޑު ޗުއްޓީ ފެށޭނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އަދި 2027 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ އެ އަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހުއެވެ.