މަސްތުވާތަކެތީ ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނުގައި މާލެއާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަަލައިފާސްކުރުމުގެ ތެރެއިން ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް އެ ދެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 111.08 ގުރާމުގެ ތަކެއްޗާއި ފަސް ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކުރުމަށްފަހު އެކަކު ވަނީ ދޫކޮށްލާފައެވެ.
ނަމަވެސް އަނެއް ތިން މީހުން ވަނީ ބަންދުކޮށްފައެވެ. އެގޮތުން މ. އާރު / މާލެ، މުހައްމަދު ލަޔާން އަހުމަދު (21އ) އާއި ކޮކާހަނދުވަރު / މ. މުލައް، އަލީ ނާޒިމް (40އ) 7 ދުވަހަށް ބަންދުކުރިއިރު މ. މޯނިންގވިޔު / މާލެ. އަލީ ނާވީ ނިޔާޒު (23އ) ބަންދުކޮށްފައި ވަނީ ފަސް ދުވަހަށެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާއިރު މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ވެސް ވަނީ 10 މީހުން ހައްޔަރުކޮށްފައެވެ. މަސްތުވާތަކެއްޗާއި ބަނގުރަލާއެކު އެ މީހުން ހައްޔަރު ކުރި ނަމަވެސް އޭގެ ތެރެއިން 7 މީހުން ވަނީ ޝަރުތު ތަކާއެކު ދޫކޮށްލާފައެވެ. އަދި އަނެއް ތިން މީހުން ވަނީ 5 ދުވަހާއި 7 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ.