ޖޫންމަހު ވަގަށްނެގި ތަކެތީގެ ތެރެއިން 4.9 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ފުލުހުން ހޯދާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން މިއަދު ވަނީ މާލެ ފްރަންޓްލައިން ޕޮލިސިންގެ ޑިޕާޓްމަންޓްތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރިކަވާ ކުރެވުނު މުދަލުގެ ތަފާސް ހިސާބުތައް އާންމު ކޮށްފައެވެ.

އެގޮތުން، ތަފާސް ހިސާބުތައް ދައްކާ ގޮތުން ވަގަށް ނެގި 69 ސައިކަލެއް ފުލުހުން ހޯދާފައިވާއިރު އޭގެ އަގު 3.3 މިލިއަނަށް ވުރެ ބޮޑެވެ. އަދި ހަމަ އެހެންމެ 22 މޯބައިލް ފޯނު ހޯދާފައިވާއިރު އޭގެ އަގު 213،932.80 ރުފިޔާއަށް އަރައެވެ. ފުލުހުން ރިކަވާ ކުރި ތަކެތީގެ ތަފްސީލު ތަކަކީ:

  • 12 އިލެކްޓްރޯނިކް ސާމާނު - 168،850 ރުފިޔާ
  • ފައިސާގެ 43 މައްސަލައެއް - 935،972 ރުފިޔާ
  • 56 އެހެނިހެން ތަކެތި - 179،225.80 ރުފިޔާ
ޖޫން މަހު ފުލުހުން ރިކަވާ ކުރި ތަކެތީގެ ތަފްސީލު

މީގެ އިތުރުން، ހުސްވި ޖުލައި މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 41،574 ތަނެއް ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ. އަދި ފައި މަގުގައި 3،121 ސަރަހައްދެއް ބެލި އިރު ޖުމްލަ 6،389 މީހުންނާ ހުއްޓުވާ ސުވާލު ކުރި ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ. އޭގެ ތެރެއިން 6،145 މީހުންނަކީ ކުށުގެ ރެކޯޑެ އޮތް މީހުން ކަމަށްވީއިރު ކުށުގެ ރެކޯޑު ނެތް 244 މީހުންނާ ސުވާލު ކުރި ކަމަށް ވެއެވެ.

ފުލުހުން ވަނީ މިދިޔަ މަހު ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 7 ބިދޭސީއަކު ވެސް އިމިގްރޭޝަނާ ހަވާލު ކޮށްފައެވެ. ވައްކަމާއި ފޭރުމުގެ މައްސަލަތައް ގިނަ މާލޭގައި ތަފާތު ގޮތްގޮތަށް އަގުބޮޑެތި ސާމާނާއި ފައިސާ ވަގަށް ނަގައެވެ. އެގޮތަށް ގެއްލޭ ތަކެތި ހޯދުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.