ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފިއެވެ.

މިއަދު ހެނދުނު ނެރުނު އެ ސަމާލުގައި ބުނެފައި ވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށް ވަރަށް ގަދައަށް ވައިޖެހޭނެ ކަމަށެވެ. އެގޮތުން ގަޑިއަކު 25-30 މޭލާ ދެމެދުގައި އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވުމާއެކު ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މި ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 7:30 އިން ފެށިގެން މެންދުރު 13:30ގެ ނިޔަލަށެވެ.

މީގެ އިތުރުން މެޓް އޮފީހުން ވަނީ ގަދައަށް ވައިޖެހޭނެ ކަމަށް ލަފާކޮށް އއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ވެސް ނެރެފައެވެ.

ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ލަފާކޮށްފައިވާތީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އިއްޔެ އެމްއެންޑީއެފްއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ދުވަސްވަރަކީ ސްކޫލު ޗުއްޓީ ދުވަސްވަރުކަމުން ގިނަ ބަޔަކު ކަނޑުމަގުން ދަތުރުކުރާނެ ކަމަށް ލަފާކުރެވޭ ދުވަސް ވަރަކަށް ވުމުން ހިނގާފާނެ ހާދިސާތަކުން ރައްކާތެރިވުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައި ވެއެވެ.