އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީން މިފަދައިން އަމަލުކުރުމަށް ނިންމާފައިވަނީ މިއަދު ކުރި އިންޓަވިއުއަކަށް ފަހުއެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ހަމަވިއިރު 3 ބޭފުޅަކު ކުރިމަތިލާފައިވެއެވެ. އެއީ:
- ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު
- ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން
- ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު
މައުލޫމާތު ލިބިފައިވާ ގޮތުގައި ގަނީގެ ނަން ރައީސް މުއިއްޒަށް ފޮނުއްވަން ނިންމާފައިވަނީ މި 3 ބޭފުޅުންނާ ކުރި އިންޓަވިއު އިން "ހައިލީ ރިކޮމެންޑެޑް" ލިބިވަޑައިގަތީ ގަނީއަށް ކަމުގައި ވުމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ގަނީ އަކީ ގިނަ އަހަރުތަކެއް ވަންދެން ޖުޑީޝަރީގައި މަސައްކަތް ކުރެއްވި ބޭފުޅަކަށްވާއިރު އޭނާ ވަނީ މަދަނީ ކޯޓުގެ ގާޒީ ކަމަށްފަހު ހައިކޯޓުގެ އިސްފަނޑިޔާރުކަން އަދި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައެވެ. އަދި ގަނީ ވަނީ ކުރިން ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވާފައެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަމެއް މަޖިލީހުން ފާސްކުރުމަށްފަހުއެވެ.
އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު އެ މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ. އެހެންކަމުން މި މަގާމަށް ބޭފުޅަކު އައްޔަންކުރައްވަން ދެން ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދަށް ވަނީ ހަވާލުކޮށްފައެވެ.