ބަލްކް ކެރިއަރެއްގައި އޮތް ހާލުބޮޑު ބަލި މީހަކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު ނ. މަނަދޫއަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފް އިން ބުނީ "ޓައިޑެކްސް" ނަމަކަށްކިޔާ ބަލްކް ކެރިއަރެއްގައި އޮތް މީހަކު މަނަދޫއަށް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ގެންގޮސްފައިވަނީ އެމީހާއަށް އަވަސް ފަރުވާ ފޯރުކޮށްދިނުމަށްޓަކައި ކަމަށެވެ.
އެގޮތުން ނ. އަތޮޅު ދިގުފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް، ބަލްކް ކެރިއަރުގައި އޮތް މީހާގެ ސިއްހީ ހާލަތު ގޯސްވިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ ފަތިހު 04:45 ހާއިރު ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހަބަރު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ވަނީ ބަލްކް ކެރިއާ އޮތް ސަރަހައްދަށް ދަތުރުކޮށްފައި ކަމަށާއި، ބަލި މީހާ ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާންސްއަށް ނަގާފައިވާކަމަށެވެ.
އެމްއެންޑީއެފް އިން އިތުރަށް ބުނީ ހާލު ދެރަވެގެން މަނަދޫއަށް ގެންގޮސްފައިވަނީ އުމުރުން 49 އަހަރުގެ ދިވެއްސެއް ކަމަށެވެ.