ފަރަށް އެރި ދޯންޏެއްގައި ތިބި ފަޅުވެރީންނަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއި ވަނީ ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިޒޯޓުން ކުނި ބަރުކޮށްގެން ކ.ތިލަފުށްޓަށް ދަތުުރުކުރަމުންދަނިކޮށް ފަރަށް އެރި "ގުރުވަ 1" ނަމަކަށްކިޔާ ދޯނީގައި ތިބި ފަޅުވެރީންނަށެވެ.

އެމްއެންޑީއެފް އިން ބުނީ، ދިވެއްސަކާއި ދެ ބިދޭސީންނާ އެކު ދަތުރުކުރަމުންދިޔަ މި ދޯނި، ނ. ކުޑަރަށް ކައިރިން ފަރަށް އެރި ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ރޭ ދަންވަރު 23:24 ހާއިރުއެވެ.

ގުރުވަ1 އިން ސަލާމަތް ކުރި މީހުން ހޮޅުދޫއަށް ގެންދަނީ

އަދި މި ހާދިސާގެ މައުލޫމާތު ލިބުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަކްރާފްޓް ވަނީ އެ ސަރަހައްދަށް ދަތުރުކޮށް، ދޯނިން ދަތުރުކުރި ތިން ފަޅުވެރިން ސަލާމަތް ކޮށްފައެވެ.

އަދި އެ ފަޅުވެރިން މިއަދު 08:45 ހާއިރު ނ. ހޮޅުދޫއަށް ގެންގޮސްދީފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.