ސޯޝަލް މީޑިއާގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައިގައި ހައްޔަރު ކުރި މޫސާ މަސީހު 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލްކޯޓުން 10 ދުވަސް ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ތ. ތިމަރަފުއްޓަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ މަސީހު މޫސާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވުމުން، ނޫހަކުން ހަދާފައިވާ ހަބަރެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް، މަސީހު ވަނީ ރައީސަށް ހުތުރުބަހުން މުހާތަބުކޮށް އެމަނިކުފާނު "މަރާލަން ޖެހޭ" ކަމަށް ލިޔެފައެވެ.
މި މައްސަލައާ ގުޅިގެން މަސީހު ހައްޔަރުކޮށް، އޭނާގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި ވާ މަސްތުވާތަކެއްޗާ ބެހޭ ބިލަށް މަރުގެ އަދަބު ދޭ އިސްލާހެއް ހުށަހެޅުމަށް މަޝްވަރާ ކުރުމުންދާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ. ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފަިއ ވަނީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާ ކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެެ.
އެގޮތުން، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ގާނޫނަށް އިސްލާހުގެނައުމުގެ ބިލުގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލު އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ދަންނަވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.