ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވިއްކާ ޑޮލަރުގެ އަދަދު އިތުރުކޮށްފިއެވެ.
ބީއެމްއެލްއިން ބުނީ އެ ފަރާތްތަކަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކޮށްފައި ވަނީ މިއަދުން ފެށިގެން ކަމަށެވެ.
އެގޮތުން އާސަންދައިގެ ދަށުން ބޭސްފަރުވާއަށްދާ ބަލި މީހާއަށް 2،000 ޑޮލަރު ވިއްކަން ނިންމާފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި އެންސްޕާގެ އެހީ ލިބޭ ބަލި މީހެއްނަމަ ވެސް އެންސްޕާއިން ކަނޑައަޅާ 2،000 ޑޮލަރަށްވުރެ އިތުރު ނުވާ އަދަދަކަށް ޑޮލަރު ވިއްކާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްއިން ބުނީ އާސަންދަ އަދި އެންސްޕާގެ އެހީ ނުލިބޭ ކޮންމެ ބަލިމީހަކަށް 1،000 ޑޮލަރު ވިއްކުމަށް އެ ބޭންކުން ނިންމާފައިވާ ކަމަށެވެ.
ޑޮލަރު ލިބުމުގެ ދަތިކަން ހައްލު ކުރުމަށް ސަރުކާރުން ވަނީ ބޭރު ފައިސާ މާރުކުރުމުގެ ގަވައިދަށް ބަދަލު ގެނެސް ރިސޯޓްތަކުން ބޭންކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ހަދާފައެވެ. މިއާއެކު ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ބުނެފައި ވީ ނަމަވެސް މިހާރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު އުޅެނީ 20 ރުފިޔާއިން މަތީގައެވެ.
އެގޮތުން ޑޮލަރު ލިބުމުގެ ދަތިކަމުގެ ޝަކުވާތައް އަންނަނީ އިތުރުވަމުންނެވެ. މި ކަމާ ގުޅިގެން ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ ޑޮލަރު ގަންނަން ސަރުކާރު ކުންފުނިތަކުން ކަޅު ބާޒާރަށް ވަންނަން ނުޖެހޭ ހިސާބަށް ދިއުމުން ބްލްކް މާކެޓްގައި ޑޮލަރުގެ އަގު ވެއްޓިގެން ދާނެ ކަމަށެވެ.