ލ. މާވަށުގައި އިއްޔެ މީހަކު މަރާލި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29އ)އެވެ.
ފުލުހުން ބުނީ މިއަދު، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.
އިއްޔެ ހެނދުނު 10:12 ހާއިރު މާވަށު، ވޮލީ ކޯޓު ސަރަހައްދުގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ އެ ރަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމްއެވެ.
'ދަ ޕްރެސް'އަށް މައުލޫމާތު ދެމުން އެ ރަށު މީހަކު ބުނީ މި ދެމީހުންނަކީ ކުރިން ގާތް ދެ އެކުވެރިންކަަމަށެވެ. އަދި ދެމީހުންގެ މެދުގައި މައްސަލަ ޖެހިފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައިކަމަށްވެސް އެ ފަރާތުން ވަނީ ބުނެފައެވެ. މި މައްސަލައިގައި މުހައްމަދު އާއި މޫސަ އާއި ދެމެދު ކުރިންވެސް މާރާމާރީ އެއް ހިނގާފައިވާ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ. އަބަދުވެސް މުހައްމަދު އަތުގައި ވަޅިއެއް ގެންގުޅޭކަން ފާހަގަކުރަމުން އެ ރަށުން ވާހަކަދެއްކި މީހާ ބުނީ އިއްޔެ ހިނގި މާރާމާރީގައި މުހައްމަދު ވަޅި ބޭނުންކުރީ މޫސާގެ ކިބައިން ސަލާމަތްވުމަށް ކަމަށެވެ.
މީގެ އިތުރުން އެމީހާ ބުނީ މޫސާ ގަޔަށް ވަޅި ޖެހުމަށްފަހު ފުލުހުންނާއި ހަވާލުވީވެސް މުހައްމަދު އަމިއްލައަށް ސްޓޭޝަނަށް ގޮސްކަަމަށެވެ.
މި މައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ކަމާއި ގުޅޭ އިދާރާތަކުން ހާމަކޮށްފައި ނުވާއިރު، މާވަށުން ވާހަކަދެއްކި މީހާ ބުނީ އެ ރަށުގައި މަސްތުވާތަކެތި ވިއްކާ ބޭނުންކުރާ މައްސަލަ ވަރަށް ބޮޑުކަމަށެވެ.