ރޭ އިންޑިއާގެ ނިކޯބާ އައިލެންޑްސް އަށް އައި ބިންހެލުމާއެކު ދިވެހިރާއްޖެއަށް ލޮޅުމެއްގެ އަސަރުކުރި ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ރޭ ރާއްޖެ ގަޑިން 11:41ގައި އިންޑިއާގެ ނިކޯބާ އައިލެންޑްސް އަށް ރިކްޓާ މިންގަނޑުން 6.2 ގެ ބާރުމިނުގައި ބިން ހެލުމެއް އައިސްފައިވާ ކަމަށެވެ.

މި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިފައެއް ނުވާކަން މެޓް އޮފީހުން ވަނީ ފާހަގަ ކޮށްފައެވެ. އެހެން ނަމަވެސް ބިންހެލުމާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މެޓް އޮފީހުން އެހެން ބުނެފައި ވާއިރު، ރޭގެ ބިންހެލުމާއެކު އައި ލޮޅުމުގެ އަސަރު 'ދަ ޕްރެސް' ގެ ނޫސްވެރިންނަށް ކުރި ކަމަށް ރޭ ވަނީ ރިޕޯޓް ކޮށްފައެވެ. އޭރު މެޓް އޮފީހުން ބުނީ ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ނަމަވެސް މިއަދު މެޓް އޮފީހުން ބުނީ، ގދ. ކާޑެއްދޫގައި ގާއިމްކޮށްފައިވާ ބިންހެލުން ރިކޯޑް ކުރާ މީޓަރަށް ރާއްޖެ ގަޑިން ރޭ 11:48 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައި ވާކަން ރިކޯޑް ކުރެވިފައިވާ ކަމަށެވެ.

މޫސުމާ ބެހޭ ނައިނަލްއަގުވާމީ އިދާރާތަކުން ރިޕޯޓް ކޮށްފައި ވާ ގޮތުގައި ރޭ އައި ބިންހެލުން އައިސްފައިވަނީ ކަނޑުގެ އަޑިން 10 ކިލޯމީޓަރުގެ ފުނަށެވެ.

މެޓް އޮފީހުން ބުނީ މިކަމުގެ ސަބަބުން އިތުރު ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

މީގެ ކުރިން 2022 ގައި ވެސް އެ ސަރަހައްދަށް އައި ބިންހެލުމެއްގެ އަސަރު ރާއްޖެއަށް ކުރިކަމަށް ރެކޯޑްތަކުން ދައްކައެވެ.

މީގެ ކުރިން އިންޑޮނީޝިއާގެ ސްމަޓްރާއަށް ޑިސެމްބަރު 26، 2004 ވީ އާދިއްތަ ދުވަހު އައި ބިންހެލުމުގައި ރާއްޖެއަށް ބޮޑު ސުނާމީއެއް އަރާ އެތައް ގެއްލުންތަކެއް ލިބިފައި ވެއެވެ. އެތައް ބަޔަކު މަރުވި އެ ހާދިސާގެ އަސަރު ރާއްޖޭގެ 191 ރަށަކަށް ކުރިއެވެ.