މަސްތުގެ ހާލުގައި ހުރެ ކޮޓަރީގައި އަލިފާން ރޯކޮށްލި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އދ. އޮމަދޫގެ ގެއެއްގައި ކަމަށާއި، އެ ގޭގައި މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު އަޑު ގަދަކުރުމާއެކު ހަޑި ހުތުރުބަހުން މުއާމަލާތުކޮށް އޭނާ ދިރިއުޅޭ ކޮޓަރީގައި އަލިފާން ރޯކޮށްލާފައިވާކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ އެ އިދާރާއަށް މި މަހުގެ 27 ވަނަ ދުވަހުގެ ރޭ 21:27 އެހާކަންހާއިރު ހުށަހަޅާފައިވާކަމަށާއި، އެއާއެކު މި މައްސަލައިގައި ތުހުމަތު ކުރެވޭ އުމުރުން 32 އަހަރުގެ އަހުމަދު ނާފިއު، ސްޓެއްލާ، އދ. އޮމަދޫ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށާއި، ނަމަވެސް ކޮޓަރީގައި ހުރި ގިނަ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަސްތުވާތަކެތީގެ މައްސަލަތައް ދުވަހެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން މަސްތުގެ ހާލަތުގައި ތިބެ އަނބި ދަރިންނަށާއި، ގޭގައި ހުންނަ ތަކެތީގެ އިތުރުން އެހެން މީހުންނަށް ގެއްލުންދޭ މައްސަލަތަކަކީ ރާއްޖޭގައި ފެންމަތިވަމުންދާ މައްސަލަތަކެކެވެ.
ޒުވާނުންނާއި ކުޑަ ކުދިންގެ އިތުރުން މުސްކުޅި ފުރާގެ މީހުންވެސް މި ވަބާގައި ޖެހެމުން އަންނައިރު، ހުސްވި އޭޕްރީލް މަހުގެ 27 ވަނަ ދުވަހުވެސް ކުރިއަރު މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.
މީގެއިތުރުން މި އަހަރުގެ މާޗު މަހުވެސް ވަނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ކިލޯއެއްގެ ކެނެބިސް ކަސްޓަމްސް އިން އަތުލައިގަނެފައެވެ. އެ ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 856،000 ލައްކަ ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސް އިން އޭރު ބުނެފައިވެއެވެ.