ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން 3 ބޭފުޅަކަށް އަރުވައިފިއެވެ.

މި 3 ބޭފުޅުންނަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވަނީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާ 3 ބޭފުޅުންނަކީ:-

- ޗީފް ޖަސްޓިސް ރިޓަޔާޑް މުއުތަސިމް އަދުނާން

- ގ. ފިޔާތޮށިގޭ ހަސަން ސާބިރު

- ނިޝާން މުލީގެ އިއްޒަތް ލިބިވަޑައިގެންފައިވާ ގާސިމް އިބްރާހީމް

މުއުތަސިމް އަދުނާނަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން ދީފައިވަނީ ރާއްޖޭގެ ޝަރުއީ ދާއިރާއާއި ގާނޫނީ ދާއިރާއިން މީހުން ބިނާ ކުރުމަށާއި ޝަރުއީ ދާއިރާގެ ކަންކަމާއި ޝަރުއީ ދާއިރާގެ މައްސަލަތައް އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ނިންމެވުން ހަރުދަނާ ކުރުމަށާ، ރާއްޖޭގެ ހާރިޖީ ދާއިރާ ގުޅޭ ކަންކަމުގައި ދެއްވަންޖެހޭ ލަފާ ދެއްވުމަށާއި އެ ރޮނގުރޮނގުން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

ހަސަން ސާބިރަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން ދީފައިވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭވުމުގައާއި ރާއްޖޭގެ އިގްތިސާދީ ދާއިރާ ހާއްސަކޮށް މަސްވެރިކަމުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރުކަމުގެ ދާއިރާގެ މަގާމުގައި ހުންނަވައިގެން އެ ދާއިރާތަކުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ގައުމީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާތީއެވެ. އަދި ހާރިޖީ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

ގާސިމް އިބްރާހިމް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން ދީފައިވަނީ ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާއަށް އަދި ތައުލީމީ ދާއިރާއަށާއި ދިވެހި ދައުލަތަށް އަގުހުރި ހިދުމަތްތަކެއްކުރައްވާފައިވާތީއެވެ. ދިވެހި އެތައް ރައްޔިތުންނަށް ބޭސްފަރުވާ ކޮށްދެއްވުމުގައިވެސް ކުރީ ސަފުގައި ފާހަގަކޮށްލެވޭ ގާސިމް އިބްރާހީމް ވަނީ ވިލާ ފައުންޑޭޝަނުން ދިވެހި ރައްޔިތުންނަށް ބޭސްފަރުވާއަށް ކުރެވުނު ގިނަގުނަ މަސައްކަތުގައި، ދިވެހި އެތައްހާސް ރައްޔިތުންނެއްގެ ވޭނާއި ކެކުޅުންތަކަށް ލުއިކަމެއް ގެނެސްދެއްވުމަމަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ.

ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް އަރުވަނީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިންނާއި ގާނޫނު ނަންބަރު 1/97 ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނުގެ ދަށުންނެވެ.