ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރެއްވުމަށް ވަޑައިގެންނެވީތީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރީ ދުވަސް އިންޑިއާގެ ބޮޑު ވަޒީރު މޯދީއާއެކު ފާހަގަކުރެއްވުމަކީ ލިބުނު އުފަލެއް ކަމަށާއި، މޯދީގެ މި ދަތުރުފުޅުގެ ތެރެއިން އިންޑިޔާގެ އެހީގެ ދަށުން ހިންގާ މުހިންމު ތަރަރައްގީގެ މަޝްރޫއުތަކެއް އިފްތިތާހުކުރެވުނު ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މޯދީގެ މި ދަތުރުފުޅުގައި 4 އެމްއޯޔޫއެއްގައި ސޮއިކުރުމުގެ އިތުރުން މުހިންމު ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިގެން ދިޔަ ކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި އިންޑިއާގެ ދެމެދުގެ ޒަމާންވީ ގުޅުންތައް އިތުރަށް ބަދަހިވެގެން ދާނެ ކަމަށެވެ.

މޯދީ ރާއްޖެ ވަޑައިގެންފައި މި ވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ދައުވަތަކަށެވެ. އެގޮތުން މޯދީ ވަނީ މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ބައްލަވާލައްވާފައެވެ.

މޯދީގެ މި ދަތުރުފުޅުގައި ދެއްވި ބަޔާނެއްގައި ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްވެފައި އޮންނަތާ 60 އަހަރު ފުރުން ފާހަގަކުރި ނަމަވެސް ދެ ގައުމުގެ ގުޅުމަކީ އެއަށްވުރެ ޒަމާންވީ ގުޅުމެއް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއަކީ އިންޑިއާގެ އަވަށްޓެރި ގައުމުތަކުގެ ތެރެއިން އެންމެ ގާތް ގައުމު ކަމަށާއި އިންޑިއާ ސަރުކާރުން ގެންގުޅޭ "ނެއިބާހުޑް ފަސްޓް" ޕޮލިސީއާއި "މަހާސާގަރު" ތަސައްވުރުގައި ވެސް ރާއްޖެއަކީ މުހިންމި ހިއްސާއެއް ކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ.

މޯދީ ވަނީ ރާއްޖެ އެންމެ އިތުބާރުކުރާ ގައުމަކަށް އިންޑިއާ ވުމަކީ ލިބިވަޑައިގަންނަވާ ފަހުރެއް ކަމަށާއި އިންޑިއާ ވެގެންދާނީ ރާއްޖޭން ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައި ވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭނެ ގައުމަށް ކަމަށް ވިދާޅުވެފައެވެ.