ސެޕްޓެމްބަރު މަހު ބާއްވާ އދ. ގެ އާންމު ޖަލްސާގައި ފަލަސްތީން ދައުލަތް ރަސްމީކޮށް ބަލައިގަތުމަށް ފްރާންސުން ނިންމައިފިއެވެ.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ މެދުއިރުމަތީގެ ސުލްހައަށް ޓަކައި މިއީ ކޮންމެހެން ބޭނުންތެރި ފިޔަވަޅެއް ކަމަށް ސިފަކުރައްވާފައެވެ.

އަދި މި ވަގުތުގެ އެންމެ އިސްކަންދޭނެ ކަންތައްތަކަކީ ގައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނެސް، ހަނގުރާމައިގެ ސަބަބުން އަސަރުކޮށްފައިވާ އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މެކްރޮން ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ މެކްރޮން ވަނީ ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި، ހުރިހާ ރަހީނުންނެއް ދޫކޮށްލުމަށާއި، އެކަށީގެންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ވެސް ހަމާސް ޖަމާއަތުގެ ހަތިޔާރު ބޭނުންކުރުން ހުއްޓުވައި، ގައްޒާގެ ރައްކާތެރިކަން ކަށަވަރުކޮށް، އެ ސަރަހައްދު އަލުން އާރާސްތުކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ފަލަސްތީނުގެ ދައުލަތެއް އުފައްދައި، އެ ދައުލަތް ދެމެހެއްޓެނިވި ގޮތެއްގައި ގާއިމުވެފައި އޮތުން ކަށަވަރު ކުރުމަކީ މުހިންމު ކަމެއް ކަަމށް ވެސް އޭނާ ވިދާޅުވިއެވެ.

ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގެންފި ނަމަ އެ ގައުމު ވެގެންދާނީ ޖީ 7 ގެ ގައުމު ތަކުގެ ތެރެއިން ފަލަސްތީނު ބަލައިގަންނަ ފުރަތަމަ ގައުމަށެވެ.

ފްރާންސްގެ މި ނިންމުމަމަށް އިޒްރޭލުގެ އޮފިޝަލުންގެ ނުރުހުން ފާޅު ކުރަމުންދާއިރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ޓެރަރިޒަމަށް ހިތްވަރު ލިބޭ ކަމަށާއި ގައްޒާގެ ހާލަތާ އެއްގޮތަށް އީރާނުގެ އިތުރު ބައިވެރިއަކު ގާއިމުކުރާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

މިހާތަނަށް ރަޝިއާ، ޗައިނާ، އިންޑިއާ އަދި ދުނިޔޭގެ ދެކުނުގެ ބޮޑެތި ގައުމުތައް ހިމެނޭ ގޮތަށް 150 އަށް ވުރެ ގިނަ ގައުމުތަކުން މިހާރުވެސް ފަލަސްތީނު ގަބޫލުކުރެ އެވެ. ފްރާންސްގެ މި އިސްނެގުމުގެ ސަބަބުން ޔޫރަޕްގެ އެހެން ގައުމުތަކުންވެސް އެގޮތަށް އަމަލުކުރަން މަޖުބޫރުވާނެ ކަމަށް އޮފިޝަލުން ލަފާކުރެއެވެ.