އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަތުމުގެ މުއާމަލާތް ހިންގަމުން ގެންދަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.

އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ކުރިއަށް ގެންދަނީ ގާނޫނާ ގަވާއިދާ އެއްގޮތަށް ކަމަށް ބީއެމްއެލްއިން ބުނެފައިވަނީ އެ ބޭންކުން އެކަން ކުރިއަށް ގެންދަނީ ގާނޫނާ ގަވާއިދާ ހިލާފަށް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.

ބީއެމްއެލްއިން ބުނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށް، އެ ކަމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.

އެގޮތުން އެ ހުށަހެޅުމަށް ރިއާޔަތްކޮށް އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.

ބީއެމްއެލްއިން އެސްޑީއެފްސީ ގަތުމުގެ މުއާމަލާތްތައް ކުރިއަށް ގެންދާނީ ބޭންކިން ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުމުގެ މަތީން އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހުގައި ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. އަދި މިހާރު އެ މަރުހަލާތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

އެސްޑީއެފްސީ ގަތުމުގެ މަސައްކަތް ބީއެމްއެލްއިން ކުރިއަށް ގެންދަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ދެކެވެމުންދާ ވާހަކަ އެމްއެމްއޭއިން ވެސް ވަނީ ދޮގުކޮށްފައެވެ.