މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބޭނުންކުރާ ކަރަންޓާއި ފެނުގެ ހިދުމަތަށް ބޮޑު އަގެއް ހޭދަކުރަން ޖެހޭތީ، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހްމަދު ޝަމްހީދު ހުށަހަޅުއްވި މި ގަރާރަކީ މާލެ ފިޔަވައި އެހެން ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބޭނުންކުރާ ކަރަންޓާއި ފެނުގެ ހިދުމަތަށް ބޮޑު އަގެއް ހޭދަކުރަން ޖެހިފައި ވުމުން، މިކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށް ހުށަހެޅުއްވި ގަރާރެކެވެ.
މި ގަރާރުގައި ޝަމްހީދު ވަނީ މާލެ އާއި އަތޮޅުތެރޭގެ ރަށްތަކުގައި އަގު ނެގުމުގައި ހުރި ތަފާތުގެ ތަފްސީލުތައް ދެއްވާފައެވެ. އެގޮތުން:
- މާލެ ސަރަހައްދުގައި ފެނުގެ ހިދުމަތް ގުޅައިދޭ އަގު 3،187.84 ރުފިޔާއަށް ހުރި އިރު އަތޮޅުތަކުގެ އަގަކީ 5،000 ރުފިޔާއެވެ.
- މާލެ ސަރަހައްދުގައި ފެން މީޓަރެއް ރިލޮކޭޓްކޮށްދޭ އަގު 850 ރުފިޔައަށް ހުރިއިރު އަތޮޅުތެރޭގެ އަގަކީ 2،200 ރުފިޔާއެވެ.
- މާލެ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް 201 ލީޓަރަށް ވުރެ މަތިން ފެން ބޭނުންކޮށްފިނަމަ ނަގާ ފީ 101.26ރުފިޔާގައި ހުރިއިރު އަތޮޅުތަކުން ނަގާ ފީއަކީ 135 ރުފިޔާއެވެ.
- މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު 301-500 އާ ހަމައަށް 3.65 މަގާއިރު އަތޮޅުތަކުގެ އަގަކީ 6 ރުފިޔާއެވެ.
މި ތަފާތުކުރުންތަކުގެ ސަބަބުން ކުދި ވިޔަފާރިތަކުން ކަރަންޓަށް ކުރަންޖެހޭ ހޭދަ 40 ޕަސެންޓާއި 70 ޕަސެންޓާ ދެމެދުގެ އަދަދަކުން އިތުރުވާކަން ފާހަގަކުރައްވަމުން މެންބަރު ވިދާޅުވީ މިއީ ގާނޫނުއަސާސީގެ 17 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ތަފާތުނުކުރުމުގެ ހައްގާ ތައާރުޒުވާ ކަމެއް ކަމަށެވެ. އެހެންކަމުން މި ގަރާރު ހުށަހެޅުމުގެ އެންމެ ބޮޑު ބޭނުމަކީ އަގުތަކުގައި ހުރި ތަފާތުކުރުންތައް ނައްތާލައި މިކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކޭ ގޮތެއް ދެނެގަތުމަށްކަން ޝަމްހީދު ފާހަގަކުރެއްވިއެވެ.