ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭނުންވާ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް 2027 ވަނަ އަހަރު ނިނުމުމުގެ ކުރިން ގާއިމުކޮށް ނިންމާލެވޭނެ ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅުއްވަމުން، އަބްދުއްލަތީފް ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ސާފު ބޯފެނާ، ނަރުދަމާ ފޯރުކޮށްދިނުމަކީ އެއިރަކު އޮންނަ ސަރުކާރަކުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން އަބްދުއްލަތީފް ވިދާޅުވީ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ނިމިދިޔަ ސަރުކާރުތަކުން ވެސް ފަށާފައިވާ ކަމަށެވެ. އަދި ކުރީ ސަރުކާރުތަކުން އެކަންކަން ފުރިހަމަކޮށް ދީފައިނުވާއިރު އޭރު މި މަޝްރޫއުތައް ބަޖެޓުގައި ހިމެނި ގޮތުގެ ސަބަބުން ބަޖެޓަށް އޭގެ ދަތިތައް ކުރިމަތިވެގެން ދިޔަ ކަމަށެވެ. އަދި މަސައްކަތްތައް ވެސް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑު މާޔޫސްކަމެއް ލިބިފައިވާކަން ފާހަގަކުރައްވަމުން އަބްދުއްލަތީފް ވިދާޅުވީ މި ސަރުކާރުގައި އެކަންކަން ފުރިހަމަ ކޮށްދޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުމުގެ މަގްސަދު ހާމަކުރައްވަމުން އަބްދުއްލަތީފް ވިދާޅުވީ ސަރުކާރުގެ ފަރާތުން މިފަދަ މުހިއްމު ބިލެއް ހުށަހެޅުމުގެ ބޭނުމަކީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެކަންކަން ކޮށްދިނުމުގައި މިއަދުގެ ސަރުކާރުން އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. ފެނާއި ނަރުދަމާގެ މަޝްރޫއުތައް ނިންމުމަށް މި ސަރުކާރުން ޑެޑްލައިންތަކެއް ކަނޑައަޅާފައިވާކަން ހާމަކުރައްވަމުން އޭނާ ވިދާޅުވީ މިހާރު ހުށަހެޅިފައިވާ ބިލުންވެސް މިކަންކަން އިތުރަށް ކަށަވަރު ވެގެން ދާނެކަމަށެވެ.

މީގެ އިތުރުން އަބްދުއްލަތީފު ވަނީ ފައިސާ ޗާޕުކޮށް، ބޭރުގެ އެހީ ހޯދައި، އެތައް ފައިސާއެއް ލިބިފައި ވާއިރު، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެވިފައިނުވާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.