މިދިޔަ އަހަރުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ސްޓޫޑެންޓް ލޯނު ސްކީމްގެ ދަށުން 982.7 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 982،739،621.42 ރުފިޔާ ދޫކޮށްފައިވަނީ 1،151 ދަރިވަރުންނަށެވެ.
އޭގެތެރޭގައި ހިމެނެނީ 608 އަންހެން ދަރިވަރުންނާއި 543 ފިރިހެން ދަރިވަރުންނެވެ. މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް 863 ދަރިވަރު ގްރެޖުއޭޓްވެފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ މި އަހަރު އެކަނިވެސް 282.5 މިލިއަން ރުފިޔާގެ ލޯނު ދަރިވަރުންނަށް ދޫކޮށްފައިވާ ކަމަށެވެ. އެއީ 274 ދަރިވަރުންނަށްކަން އެ މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.
މި އަހަރު ލޯނު ދޫކޮށްފައިވާ ދަރިވަރުންގެ ތެރޭގައި ހިމެނެނީ 162 އަންހެން ދަރިވަރުންނާއި 112 ފިރިހެން ދަރިވަރުންނެވެ. އަދި ސްޓޫޑެންޓް ލޯނު ސްކީމްގެ ދަށުން މިހާރު 1،642 ދަރިވަރުން ކިޔަވަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.