އިނގިރޭސި ވިލާތުގައި ކުރިއަށް ދިޔަ މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅު ވެގެންދިޔައީ، މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ދެ ގައުމުން ދޭ އަހުމިއްޔަތުކަން ފާހަގަކުރެވިގެންދިޔަ ދަތުރުފުޅަކަށް ކަމަށެވެ. އެގޮތުން، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިނގިރޭސިވިލާތުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ.
އޭގެ ތެރޭގައި، ހައުސް އޮފް ކޮމަންސްގެ ސްޕީކާ، ރައިޓް އޮނޮރަބަލް ސާ ލިންޑްސޭ ހޮއިލް އަދި ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމެންޓް އެފެއާޒް، ރައިޓް އޮނަރަބަލް ޑޭވިޑް ލެމީ ހިމެނިވަޑައިގަންނަވައެވެ. މި ބޭފުޅުންނާއެކު މަޝްވަރާކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުން، ތައުލީމާއި ސްކޮލާޝިޕްގެ ފުރުސަތުތައް، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން އަދި އަދުލުއިންސާފުގެ ނިޒާމީ އިސްލާޙުތަކަށް އިނގިރޭސިވިލާތުން ދެއްވާ އެއްބާރުލުން ހިމެނެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިނގިރޭސި ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ޗާލްސް ތިންވަނަ އާވެސް ބައްދަލުކުރައްވާފައެވެ. ވިންޑްސާ ކާސަލްގައި ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުން ވެގެންގޮސްފައިވަނީ، ދެ ގައުމުގެ ފަސްދޮޅަސް އަހަރުވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އިސްކަންދޭ މިންވަރު ކަށަވަރުކޮށްދިން ބައްދަލުވުމަކަށް ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، އޮނަރަބަލް ޝަރލީ އަޔޯކޯ ބޮޗްވޭއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެ އާއި ކޮމަންވެލްތުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުގައި އެއްބާރުލުންދެވޭ މިންވަރު އިތުރުކުރުމާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު، ވުނަކުރުމާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްހުރި ފުރުސަތުތަކަށް އަލިއަޅުވާލައްވައި ބޭއްވެވި "މޯލްޑިވްސް- ޔޫކޭ ބިޒްނަސް ފޯރަމް"ގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ފޯރަމްގައި، ދެ ގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ވެސްޓް ލަންޑަން ޗެމްބަރސް އޮފް ކޮމާސް އާއި ދިވެހިރާއްޖޭގެ އިސްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ.
އަދި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތައް ކުރިއަރުވައި، ޕްރިމިއަމް އެކްސްޕޯޓް ޕްރޮޑަކްޓެއްގެ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ދިވެހި ސީފުޑް ޕްރޮމޯޓްކުރުމަށް ބޭނުންކުރާ މަރުކާގެ ގޮތުގައި "ފްރޮމް މޯލްޑިވްސް" މި ފޯރަމުގައި ވަނީ އިފްތިތާޙުކޮށްފައެވެ.
މި ދަތުރުފުޅުގައި، ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ ފަސްދޮޅަސް އަހަރު ފުރުން ފާހަގަކޮށް، ދެ ގައުމުގެ ގާތް، ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެވިގެންދިޔަ ކަމަށް ރައީސް އޮފީހުން ބުނެއެވެ.