އދ. ދިގުރަށް ކައިރިއަށް ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވި 15 އަހަރުގެ ކުއްޖާގެ މަރުވި މައްސަލަ ތަހުގީގު ކުރަން ދިވެހި ފުލުހުން ސިންގަޕޫރަށް ގޮސް ޓީޗަރަކާއި ދަރިވަރުންގެ ބަޔާން ނަގައިފިއެވެ.

ސިންގަޕޫރުގެ އެސްޓީ ޖޯސެފްސް އިންސްޓްޓިއުޓް (އެސްޖޭއައި) ކިޔަވަމުން ދިޔަ ޖެނާ ރާއްޖެ އައިސްފައި ވަނީ މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމް (އެމްޑަބްލިއުއެސްއާރުޕީ) އަށެވެ. ސްޓަޑީ ޓުއާއެއްގައި ރާއްޖެއައި ޖެނާ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މިދިޔަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ދޯންޏެއްގެ ބުރަފަތީގައި ޖެހިގެން ދިގުރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް އެ ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ވަނީ އޭރު ބުނެފައެވެ.

މިއަދު ފުލުހުން ނެރުނު ބަޔާނުގައި ބުނީ، އެފަދަ މައްސަލަތައް ބެލުމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ އޮނިގަނޑުގެ ތެރެއިން ދިވެހި ފުލުހުންގެ އޮފިސަރުންތަކެއް މިދިޔަ މެއި މަހު ސިންގަޕޫރަށް ގޮސް ޓީޗަރަކާއި ދަރިވަރުންތަކެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ދެފުށް ފެންނަ ތަހުގީގެއް ކުރާނެ ކަމަށާއި އަދި މައްސަލަ ބަލައި ނިމުމުން ތަހުގީގީ ރިޕޯޓް ކަމާބެހޭ އިދާރާތަކާ ހިއްސާކުރާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ސްކޫލްގެ ވޭލް ޝާކް ޕްރޮޖެކްޓެއްގައި ރާއްޖެ އައި ކުދިންގެ ތެރޭގައި ހިމެނުނު 15 އަހަރުގެ ޖެންނާގެ މަރުގެ ހާދިސާއާ ބެހޭ ގޮތުން ދިވެހި ފުލުހުން ކުރިން ބުނެފައި ވަނީ އެ ކުއްޖާ މަރުވީ "ސްނޯކްލިންއަށް ގޮސް ދޯނިން މޫދަށް ފުންމާލި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހި ޒަހަމްވެގެން" ކަމަށެވެ. ފުލުހުންނަށް އެ ހާދިސާ ރިޕޯޓްކޮށްފައި ވަނީ އެދުވަހުގެ ހެނދުނު 9:55 ހާއިރު ކަމަށާއި އަދި ޒަހަމްވި ކުއްޖާ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން އެ ދުވަހު ބުންޏެވެ.

އެ ހާދިސާއަށް ފަހު ސަރުކާރުން ވަނީ "ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) ނުވަތަ އދ. އަތޮޅުގައި އޮންނަ ފެހުރިފި ފެންނަ ސަރަހައްދަށް ފެހުރިހި ބަލަން ޓޫރިސްޓުން ގޮވައިގެން ދާ ނަމަ، އެ އުޅަނދެއްގެ ބުރަފަތީގައި ޕްރޮޕެލާ ގާޑު އެޅުވުން މަޖުބޫރު ކޮށްފައެވެ.