ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި އިނގިރޭސިވިލާތުން މުހިންމު ދައުރެއް އަދާކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީއިން އިންތިޒާމްކޮށްގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދާ ސިލްސިލާ ފޯރަމްގެ 8 ވަނަ ބައްދަލުވުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި އިނގިރޭސިވިލާތުން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް ގައުމަކީ އިނިރޭސިވިލާތް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް 18،000އަށްވުރެ ގިނަ ފަތުރުވެރިން އެ ގައުމުން ރާއްޖެ އައިސްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރާއްޖެއިން މަހުގެ ބާވަތްތައް އެންމެ ގިނައިން އެކްސްޕޯޓް ކުރާ އެއް ގައުމަކީ ވެސް އިނގިރޭސިވިލާތް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އަހަރެއްގެ ތެރޭގައި 20 މިލިއަން ޑޮލަރުގެ މަހުގެ އެކި ބާވަތްތައް ރާއްޖެއިން އިނގިރޭސިވިލާތައް އެކްސްޕޯޓްކުރެއެވެ.

ރާއްޖޭގެ އިގްތިސޯދީ ފުރުސަތަކަށް އިންވެސްޓްކުރުމަށް ރައީސް ވަނީ އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށް ދައުވަތުދެއްވާފައެވެ. އެގޮތުން ކްރިއޭޓިވް އިންޑަސްޓްރީ، އިންފްރާސްޓްރަކްޗަރަލް ޑިވެލޮޕްމަންޓް، ހިއުމަން ކެޕިޓަލް އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާތައް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2030ވަނަ އަހަރަށްދާއިރު ކްރިއޭޓިވް އިންޑަސްޓްރީއަކީ ޖީޑީޕީގެ 15 ޕަސެންޓް ހިއްސާ ކުރާ ސިނާއަތަކަށް ހެދުން ކަމަށެވެ.