ބ. ކަމަދޫގައި ބޭއްވި އީދު ކުޅިވަރުތަކުން މަޝްހޫރުވި އައިމިނަތު ޒާރާ އާއި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ ކައިވެނި ރޫޅާލައިފިއެވެ.

ސިޔާމް އާއި ޒާރާ ކައިވެެނި ބައްލަވައިގަތީ ހުސްވި އަހަރު އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އޮޅުވެލިފުށީގައި ބޭއްވި ކުލަގަދަ ހަފްލާގެ އިތުރުން ޒާރާ އުފަން ކަމަދޫގައި ވެސް ވަނީ ކައިވެނީގެ އުފަލުގައި ބޮޑު ހަފްލާއެއް ބާއްވާފައެވެ.

ޒާރާއާއި ސިޔާމްގެ ކައިވެނި ރޫޅާލާފައިވާކަން ކަށަވަރުކޮށްދީ ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީއޭގެ ކައުންސިލް މެންބަރު، މުހައްމަދު އައްބާސް ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާމް އާއި ޒާރާގެ ކައިވެނި ކުރީ އެކަކު އަނެކަކު ދެކެ ލޯބިވެގެން ކަމަށާއި އެ ދެ މީހުންގެ ކައިވެނި ރޫޅާލާފައިވަނީ ވެސް އެކަކު އަނެކަކުގެ މެދުގައި ރިވެތި ގޮތުގައި މަޝްވަރާ ކުރުމަށްފަހު ސުލްހަވެރި މާހައުލެއްގައި ކަަމަށެވެ.

އަދި ސިޔާމް އަކީ އެއްވެސް ބޭފުޅަކާ މެދު ބޭއިންސާފުން ކަން ކުރައްވާނެ ބޭފުޅެއް ނޫންކަން ފާހަގަކޮށް އައްބާސް އިތުރަށް ވިދާޅުވީ، ކޮންމެ ބޭފުޅަކަށްވެސް ކަން ކުރައްވާނީ އޯގާތެރިކޮށް ކަމަށެވެ.

ޒާރާއާއި ސިޔާމްގެ ކައިވެންޏަށްފަހު މެދުގައި މައްސަލަޖެހި ޒާރާއަށް އަނިޔާ ކުރިކަމުގެ އަޑުވެސް ފެތުރިފައި ވެއެވެ. ނަމަވެސް އެ ވާހަކަތަށް ޒާރާ ވަނީ ދޮގުކޮށްފައެވެ. ސިޔާމްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދައި ފުރައްސާރަ ވެސް ކުރެވިދާނެ ކަމަށާއި އެހެންނަމަވެސް ސިޔާމްގެ އެ ނަޒާހަތްތެރިކަމަކީ އޭނާގެ ކިބައިން ނިގުޅައިގެނެވޭނެ ސިފައެއް ނޫންކަމަށް ޒާރާ އޭރު ބުނެފައި ވެއެވެ.

ސިޔާމް ޒާރާ އާއި ކައިވެނި ބައްލަވައިގަތީ އިތުރު ކައިވެންޏެއްވެސް ކުރައްވައިގެން އުޅުއްވަމުންނެވެ. މޮރޮކޯއަށް ނިސްބަތްވާ އަންހެން ކަނބަލަކާ ކައިވެނި ކުރައްވައިގެން އުޅުއްވާ ސިޔާމަށް ވަނީ އެ ކައިވެންޏަށް ދާދި ފަހުން އެންމާބަނޑު ދެ ކުދިން ވެސް ލިބިވަޑައިގެންފައެވެ.