ދިވެހިރާއްޖޭގައި އުފެއްދުންތެރިންނާ، ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރެޖިސްޓްރީ ކުރުމާއި ގުޅޭ ނިޒާމެއް ގާއިމު ކުރުމަށް ޓްރޭޑްމާކްގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަހުމަދު ޒާހިރެވެ.
މި ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވާފައިވާއިރު، ބިލު ހުށަހެޅި މަގުސަދެއްކަމުގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގައި އުފެއްދުންތެރިންނާ، ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރެޖިސްޓްރީ ކުރުމާއި ގުޅޭ ނިޒާމެއް ގާއިމުކޮށް ކަމާއި ގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުން ކަމަށެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ޓްރޭޑްމާކްއަކީ އެއް ފަރާތެއްގެ މުދާ ނުވަތަ ހިދުމަތްތައްއަނެއް ފަރާތެއްގެ މުދާ ނުވަތަ ހިދުމަތްތަކާއި ތަފާތުކުރުމުގެ ގާބިލުކަން ލިބިފައިވާ ކޮންމެ ނިޝާނެކެވެ. ރެޖިސްޓްރީ ކުރެވޭ ޓްރޭޑްމާކާއި ގުޅިގެން ޓްރޭޑްމާކްގެ ވެރިފަރާތްތަކަށް ލިބިގެންދާނެ ހައްގުތަކުގެ ދާއިރާތައް ބަޔާންކޮށް ޓްރޭޑްމާކްގެ ހައްގަކަށް އަރައިގަންނަ އަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން އެެއްވެސް ފަރާތަކުން ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާކެއް ވެރިފަރާތުގެ ހުއްދަ ހޯދުމަކާ ނުލާ އެ މާކާއި އެއްގޮތަށް ނުވަތަ އެއްވައްތަރުގެ ނިޝާނެއް ބޭނުންކުރުމުގެ ސަބަބުން އޮޅުން އަރާނަމަ، އެ ނިޝާން ބޭނުންކުރުން ހުއްޓުވުމުގެ ހައްގު ރަޖިސްޓްރީކޮށްފައިވާ މާކުގެ ވެރި ފަރާތަށް ލިބިގެން ދާނެކަމަށް ބިލުގައި ބުނެފައިވެއެވެ.
ޓްރޭޑްމާކްގެ ބިލަށް އާންމުގެ ހިޔާލު ހޯދުމަށް މީގެ ކުރިން ހުޅުވާލާފައިވާއިރު މިގާނޫނާ އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ އުސޫލު އަދި ހައްގު ގެއްލޭ ފަރާތްތަކަށް ލިބިދޭ ބަދަލުވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.