ގދ. ގައްދޫ އިން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލިފައިވާ އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ޒަކަރިއްޔާ ގައްދޫ އިން ފުރާފައި ވަނީ ޖޫން 10 ވަނަ ދުވަހުގެ ހެނދުނު 9:30 ގައި އެ ރަށު ކައިރީގައި އޮންނަ ގަމަށް ދިއުމަށެވެ.

އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އެދުހުގެ ހަވީރު 17:05 ހާއިރެވެ. އެ ވަގުތުން ފެށިގެން ފުލުހުންނާއި ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ދިޔައީ ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އޭނާ ހޯދުމަށް ކުރި މަސައްކަތުން އެމްއެންޑީއެފް އިން ވަނީ ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ހޯދާފައެވެ. އޭނާގެ ޑިންގީ ފެނުނީ އިއްޔެ ހެނދުނު ކުރި ދެވަނަ ޑައިވްގައި ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިންނެވެ.

އޭގެ ފަހުން ވެސް ކަމާ ގުޅުން ހުރި އިދާރާތަކުން ދިޔައީ ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް މެދު ނުކެނޑި ކުރަމުންނެވެ.

އަދި ކުރި މަސައްކަތުން ޒަކަރިއްޔާގެ ހަށިގަނޑު މިއަދު ގަމުގެ ގޮނޑުދޮށަށް ލައްގާފައި އޮއްވާ ފެނުނު ކަމަށް ގައްދޫ ކައުންސިލުން ވަނީ ބުނެފައެވެ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާއިރު އޭނާގެ ހަށިގަނޑު ސިއްހީ މަރުކަޒަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.