ފީނަން އުޅުނު އެމެރިކާގެ ފަތުރުވެރިއަކު ނިޔާވިކަން ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ އދ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ފުއްޓަރު ފަރާތު ބޭރަށް ފީނަން އެރި އުޅުނު ފަތުރުވެރިއެއް ނިޔާވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހު 12:28 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން ބުނީ ނިޔާވެފައިވަނީ އެމެރިކާއަށް ނިސްބަތްވާ އުމުރުން 47 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ.

ފުލުހުން މިހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައިނުވާއިރު، އެ އިދާރާއިން ވަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާކަމަށް ބުނެފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، ރިސޯޓުތަކުގެ މުވައްޒަފުންވެސް ފީނަން ނުވަތަ ސްނޯކްލިން އަށް އެކި ސަރަހައްދުތަކަށް ދާ އިރު، މިފަދަ ހާދިސާތައް ދިމާވެފައި ހުރެއެވެ. ހާއްސަކޮށް މޫސުން ގޯސް ދުވަސް ވަރު މިފަދަ ހާދިސާތައް ހިނގާކަން ފާހަގަ ކުރެވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މެޓް އޮފީހުން ވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް މިއަދުގެ 12:00 އިން ފެށިގެން 18:00 އަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދު ބާރުމެއްގައި ވައި ޖެހޭނެ ކަމަށް ލަފާކޮށް ހުދު އެލާޓުވެސް ނެރެފައެވެ.