'ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު' ގެ ނަމުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަނެ، ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައީސް މުހައްމަދު މުއިއްޒު މިހާތަނަށް އިއުލާންކުރައްވާފައިވާ ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިޔުމުގެ ކުރިން އެފަދަ ވޯޓުތަކާ ގުޅޭ ހާއްސަ ގާނޫނެއް ހެދުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.
މި ބިލަށް މަޖިލީހުގައި ބަހުސްކޮށްފައިވާއިރު، މިއަދުގެ ޖަލްސާގައި މި ބިލުގެ ބަހުސް ނިންމާ، ބިލު ބަލައިގަތުމަށް ފެނެންނަ، ނުފެންނަ ވޯޓަށް ވަނީ އަހާފައެވެ. މި ބިލު ބަލައިގަތުމަށް ފެންނަކަމަށް އިދިކޮޅު އެމްޑީޕީ މެންބަރުންވެސް ވޯޓު ދެއްވާފައިވާއިރު، މި ބިލު ބަލައިގަތީ 62 މެންބަރުންގެ ތާއީދާ އެކުގައެވެ.
މި ބިލު ދިރާސާ ކުރާނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ބިލު ހުށަހެޅުމުގެ ބޭނުމަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާނެ އުސޫލުތަކާއި އެ ނޫން ވެސް ވޯޓު ނެގުމާ ގުޅޭ އެންމެހާ އުސޫލުތައް ގާނޫނެއްގައި ބަޔާންކުރުމެވެ.