ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ބިލު ހުށަހެޅުމުގެ ބޭނުމަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާނެ އުސޫލުތަކާއި އެ ނޫން ވެސް ވޯޓު ނެގުމާ ގުޅޭ އެންމެހާ އުސޫލުތައް ގާނޫނެއްގައި ބަޔާންކުރުމެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި އާންމުންގެ ހިޔާލު ހޯދުމަށް ވޯޓު ނެގޭނީ:

  • ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި
  • ގައުމީ މުހިންމު މައްސަލަތަކުގައި
  • ގާނޫނު އަސާސީގެ 2 ވަނަ ބާބު ކަމުގައިވާ "އަސާސީ ހައްގުތަކާއި މިނިވަންކަން" މި ބާބުގައި ހިމެނޭ އެއްވެސް މާއްދާއަކަށް އިސްލާހު ގެނައުމަށް
  • ރައްޔިތުންގެ މަޖިލީހުގެ އުމުރަށް އިސްލާހު ގެނައުމަށް
  • ރިޔާސަތުގެ ދައުރަށް އިސްލާހު ގެނައުމަށް
  • ރައީސް އިންތިހާބުކުރާ ގޮތް އިސްލާހު ކުރުމަށް
  • ރައީސް ބިލު ތަސްދީގުކުރާ މާއްދާއަށް އިސްލާހެއް ގެންނައުމަށް
  • ރާއްޖޭގެ ސަރަހައްދު ބަޔާންކުރާ މާއްދާއަށް އިސްލާހެއް ގެންނައުމަށް
  • ގާނޫނުއަސާސީއަށް ބަދަލެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ރައީސް ތަސްދީގު ނުކޮށް އެކަން މަޖިލީހަށް އަންގާ ހާލަތުގައި، އެ ބިލަކަށް ރުހުން އޮތްތޯ ބެލުމަށް

މި ބިލުގައިވާ ގޮތުގައި ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނަގާނީ މަޖިލީހުގެ އަގުލަބިއްޔަތުން ފާސް ކުރާ ގަރާރަކުންނެވެ. އަދި ގައުމީ މުހިންމު މައްސަލަތަކާއި ގާނޫނުއަސާސީއަށް އިސްލާހުގެނައުމަށް ވޯޓު ނަގާނީ ރައީސްގެ ގަރާރަކުން ކަމަށް މި ބިލުގައިވެއެވެ.

ކޮންމެ ގަރާރަކުން ވެސް އެއް މައްސަލައަށް ވުރެ ގިނަ މައްސަލައާ ގުޅޭ ގޮތުން ވޯޓު ނެގުމަށް ކަނޑައެޅިދާނެ ކަމަށް ބަޔާންކޮށްފައި ވާއިރު ކޮންމެ ގާރާރެއްގައި ވެސް ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައިގެ ނުވަތަ ސުވާލުގެ ފުރިހަމަ އިބާރާތާއި އެ މައްސަލައެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބު އަދި ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތު ހިމަނަންވާނެ ކަމަށް ކަމަށް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެއިތުރުން މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ މުއްދަތެއް އޮންނަން ވާނެއެވެ.

އާންމުންގެ ހިޔާލު ހޯދަން ވޯޓު ނެގުމަށް ނެރޭ ގަރާރު އެހެން ވޯޓު ނަގާނެ ތާރީހެއް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރުމުގެ ކުރިން އެހެން ގަރާރަކުން އަނބުރާ ގެންދެވިދާނެ ބަޔާންކޮށްފައިވެއެވެ.