ކުޅުދުއްފުށީ ހޮސްޕިޓަލުގައި ޓެލެމެޑެސިންއާއި އެންޑޯމެޓްރިއޯސިސްގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ އިފްތިތާހް ކޮށްދެއްވައިފިއެވެ.

އެކަމަނާ، މި ހިދުމަތްތައް އިފްތިތާހްކޮށްދެއްވާފައި ވަނީ މިއަދު ބޭއްވި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާގައެވެ.

އެގޮތުން، ޓެލެމެޑެސިންގެ ހިދުމަތާއި އެންޑޯމެޓްރިއޯސިސް ހިދުމަތް މެޑަމް ސާޖިދާ އިފްތިތާހް ކޮށްދެއްވިއިރު ގައިންގަޔަށް ނާރާ ބަލިތަކުގެ ކުލިނިކުގެ ހިދުމަތް އިފްތިތާހްކޮށްދެއްވީ ޑައިރެކްޓަރު ޖެނެރަލް އޮފް ހެލްތު ސާވިސް ޑރ. އަހްމަދު އަޝްރަފެވެ.

އެ ރަށު ޕޯޓްސް ލިމިޓަޑްގައި މިއަދު ހަވީރު ބޭއްވި އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ސާޖިދާ ވިދާޅުވީ، ގައުމެއް ތަރައްގީ ކުރުމުގައި އެ ގައުމެއްގެ ސިއްހަތު ކިތަންމެހައިވެސް މުހިންމުކަމަށާއި، އޭގެ ތެރޭގައި ޖިސްމާނީ، ނަފުސާނީ އަދި ރޫހާނީ ފަރުވާ ކަށަވަރު ވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

ވަކީން ހާއްސަކޮށް ފަންނިއްޔާތާއެކު ސިއްހީ ދާއިރާއަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހްކޮށްދެއްވި ދިވެހިރާއްޖެ 2.0 މަޝްރޫއަކީ، ދިވެހި ސިއްހީ ދާއިރާއަށް ގެންނަވާން ގަސްދުކުރައްވާ ވަރަށް ބޮޑު އިންގިލާބީ ބަދަލެއްކަމުގައި އެކަމަނާ ވަނީ ސިފަކުރައްވާފައެވެ.

މިއަދު ހަފްލާގައި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެވޭ ހަނދާނީ ފިލާ ހަވާލުކުރުމާއި، މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެކަމުގެ އެވޯޑް ވެސް ދީފައެވެ.

މިއަދު ބޭއްވި ކުޅުދުއްފުށީ ހޮސްޕިޓަލްގެ 43 ވަނަ އަހަރީ ޖަލްސާގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

އަދި އެ ހޮސްޕިޓަލަށް 10، 20 އަދި 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް އެވޯޑް ޙަވާލުކުރުންވެސް އޮތެވެ. މީގެ އިތުރުން، ހޮސްޕިޓަލަށް ޚިދުމަތްކުރައްވައި، ވަކިވެ ވަޑައިގެންފައިވާ ބޭފުޅުންނަށްވެސް ހަނދާނީފިލާ ހަވާލުކޮށްފައި ވެއެވެ. މި އެވޯޑްތައް ބައްސަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

މެޑަމް ސާޖިދާ، ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެއަށްފަހު އެކަމަނާ ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން، އެ ހޮސްޕިޓަލުގެ ހާލަތު ބައްލަވާލައްވައި، މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.