އެމްޓީސީސީގެ ނަމުގައި ފޭކު ފޭސްބުކު ޕޭޖެއް ބޭނުންކޮށްގެން އަނެއްކާވެސް ސްކޭމްތައް ހިންގާތީ ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.

"މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން ދަނީ އާރްޓީއެލް މެދުވެރިކޮށް 6 މަސް ވަންދެން ހިލޭ ދަތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ބުނާ "ސްމާޓް ކާޑެއް" ވިއްކުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ހިލޭ ދަތުރުކުރެވޭނެކަމަށް ބުނެ ސްކޭމެއް ހިންގާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރަމުން އެމްޓީސީސީން ބުނީ، އެޕޭޖުގައި ހިންގަމުން ގެންދާ އެއްވެސް ހަރަކާތަކީ އެމްޓީސީސީ އާއި ރާއްޖެ ޓްރާންސްޕޯޓް ލިންކާއި އެއްވެސް ގުޅުމެއް ނެތް ހަރަކާތްތަކެއްކަމަށެވެ.

މިފަދަ ސްކޭމްތައް އާންމުވެފައިވާއިރު މި ކަންކަމަށް ސަމާލުވުމުގެ ގޮތުން އެމްޓީސީސީ ނުވަތަ އާރްޓީއެލްގެ ނަމުގައި އެއްވެސް ފަރާތަކުން ފޮނުވާ ލިންކްތަކަށް ސަމާލުވުމަށާއ،ިއެފަދަ ފަރާތްތަކާއެކު އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރުމަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ ކުރިންވެސް މި ޕޭޖު މެދުވެރިކޮށް 3 މަސް ދުވަހު ހިލޭ ދަތުރުކުރެވޭނެކަމަށް ބުނެ ސްކޭމެއް ވަނީ ހިންގާފައެވެ.

ފަހަކަށް އައިސް އާންމުންނާއި، ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި، ވިޔަފާރިތަކުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަމުން އަންނައިރު ކަމާއި ބެހޭ އިދާރާތަކުން ވަނީ މިފަދަ ސްކޭމްތައް ހިންގާ ފަރާތްތަކުގެ ކިބައިން ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.