މަސްތުވާތަކެތީގެ އިތުރުން ރާއްޖެ އެތެރެކުރުން މަނާ ބޭސްތަކެއް ގެންގުޅުނު 24 އަހަރުގެ ޒުވާން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މީހާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖަންސް ގުޅިގެން ޖުލައި މަހުގެ ދެވަނަ ދުވަހު މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ށ. ކޮމަންޑޫ / ސާތީ، ހުސައިން ޝާނިމު އެވެ.

ޝާނިމު ހައްޔަރުކުރުމަށްފަހު، އޭނާއާ ގުޅުންހުރި ތިން ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށާއި އެ ތަންތަން ބަލައިފާސްކުރިއިރު 338.51 ގްރާމްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްސާއި، ރާއްޖެއަށް އެތެރެކުރުން މަނާ ބޭހުގެ 32 ގުޅަ ވަނީ ފެނިފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހުގެ މުއްދަތަށް ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެއެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.