ލިވަޕޫލުގެ ފޯވަޑް ޑިއޭގޯ ޖޮޓާ މަރުވެއްޖެއެވެ.

ޕޯޗުގަލް އަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ޖޮޓާ މަރުވީ ސްޕެއިންއަށް ޗުއްޓީ ހޭދަކުރުމަށް ގޮސްގެން އުޅެނިކޮށް ހިނގި ކާރު އެކްސިޑެންޓެއްގައެވެ. ޖޮޓާ މަރުވިކަން ލިވަޕޫލުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ޖޮޓާ ލަނޑު ޖެހީ ކުޅެން ދަނޑަށް އެރިތާ 6 މިނެޓްގައި/ފޮޓޯ: އެކްސް

މި އެކްސިޑެންޓްގައި ޖޮޓާގެ ފިރިހެން ކޮއްކޮ އެންޑްރޭ ސިލްވާ ވެސް މަރުވި ކަމަށް ރިޕޯޓްތައް ބުނެއެވެ. ސިލްވާ އަކީ ވެސް ޕްރޮފެޝަނަލްކޮށް ފުޓުބޯޅަ ކުޅޭ ކުޅުންތެރިއެކެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ ޕޯޗުގަލްގެ ދެވަނަ ލީގުގެ ޓީމެއް ކަމަށްވާ ޕަނަފިއަލްގައެވެ.

ނިމި ދިޔަ ސީޒަންގައި ލިވަޕޫލަށް އިނގިރޭސި ޗެމްޕިއަން ކަން ހޯދުމުގައި މުހިއްމު ރޯލެއް އަދާ ކުރި ޖޮޓާ މަރުވެފައިވަނީ އޭނާގެ ދުވަސްވީ ލޯބިވެރިޔާއާ ކައިވެނި ކުރިތާ 2 ހަފްތާ ފަހުންނެވެ.

ޖޮޓާ އޭނާގެ އާއިލާއާއެކު/ފޮޓޯ: އެކްސް

މި ދެމަފިރިންގެ ތިން ކުދިން ތިބޭ އިރު ޖޮޓާ ވަނީ ކައިވެނީގެ ހަފްލާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ޖޮޓާ މަރުވުމާ ބެހޭ ގޮތުން ޕޯޗުގަލްގެ ފުޓުބޯޅަ ފެޑަރޭޝަނުން ބުނީ މުޅި ޕޯޗުގަލް އޮތީ ހިތާމައިގެ ތެރޭގައި ކަމަށެވެ. އަދި ގައުމީ ޓީމަށް 50 އަށް ވުރެ ގިނަ މެޗު ކުޅެ ދީފައިވާ ޖޮޓާއަކީ ހާއްސަ ކުޅުންތެރިއެއް ކަމަށާ އޭނާއަކީ ހިތް ހެޔޮ، ރަނގަޅު މީހެއް ކަމަށާ ޖޮޓާ އަކީ ޓީމުގެ އެހެން ކުޅުންތެރިންގެ ލޯތްބާ އިހްތިރާމް ހޯދާފައިވާ ކުޅުންތެރިއެއް ކަމަށެވެ.