މާލީ ދަތިކަމަކީ މުޅި ދުނިޔޭގެ އެކިއެކި އާއިލާތަކަށް ކުރިމަތިވާ އާންމު މައްސަލައެކެވެ. އުފާވެރި އާއިލާއެއް ބިނާކުރުމަށްޓަކައި މާލީ ގޮތުން ފުދުންތެރި ވުމަކީވެސް މުހިންމު ކަމެކެވެ. މިކަން ހާސިލުކުރުމަށް ރެއާއި ދުވާލު ބުރަކޮށް މަސައްކަތް ކުރާ މީހުން އުޅެއެވެ. ވަޒީފާއެއް އަދާނުކޮށް ގޭގައި ކަންނެތް ވެފައި އޮތުމަކީ މާލީ ގޮތުން ފުދުންތެރި ވެވޭނެ ގޮތެއް ނޫނެވެ.

ނަމަވެސް ރަނގަޅު އާމްދަނީ ލިބޭ ވަޒީފާއެއްގައި އުޅޭއިރުވެސް ހަރަދުތައް ދެކޮޅު ނުޖެހޭ ވާހަކައަކީ އަބަދުހެން އިވޭ ވާހަކައެކެވެ. ތަކެތީގެ އަގު ބޮޑުވުމާއި، ކުލިތައް ބޮޑުވުމަކީ މިކަމުގެ އެއް ސަބަބު ކަމުގައި ވީނަމަވެސް މިކަން ހައްލުކޮށް އުފާވެރި މާހައުލެއް ގާއިމުކުރުމަށްޓަކައި އަމިއްލައަށް ސަމާލުކަން ދޭންޖެހޭ ގިނަ ކަންތައްތަކެއްވެސް ވެއެވެ. އެގޮތުން ބޭކާރު ހަރަދުކުރުމަކީ ނޭނގި ނަމަވެސް ގިނަ ބަޔަކަށް ކުރެވޭ ކަމެކެވެ. ގިނަ ފަހަރަށް ގޭގައި ކާން ހަދާފައި ހުންނައިރުވެސް ކާން ދެވެނީ ކޮންމެވެސް ފައިވް ސްޓާ ރެސްޓޯރެންޓަކަށެވެ. އަލަމާރި ފުރެންދެން ހެދުން ހުއްޓަސް ލާނެ ހެދުމެއް ނެތި އަބަދު ޝޮޕިންގައި އުޅޭ މީހުންވެސް މަދެއް ނޫނެވެ. އެހެންކަމުން މިފަދަ ހަރަދުތައް ވަކި ލިމިޓެއްގައި ހިފެހެއްޓުމަކީ މާލީ ދަތިކަމުން އަރައިގަނެ އުފާވެރި އަދި ފުދުންތެރި އާއިލާއެއް ބިނާކުރުމަށް މުހިންމު ކަމެކެވެ.

އާއިލާގެ މެމްބަރުންތަކެއް ކާމޭޒު ދަށުގައި

މާލީ ދަތިތަކާ ކުރިމަތި ވުމަކީ އެކަމުގެ ސަބަބުން އާއިލީ ގުޅުންތަކަށާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާ ކަމެކެވެ. އާއިލާތަކަށް މާލީ ގޮންޖެހުންތަކާ ކުރިމަތިވުމަކީ އާއިލާގެ މެންބަރުންގެ މެދުގައި ހިތްހަމަނުޖެހުން އިތުރުވާ ކަމަކެވެ. މިކަމުގެ ސަބަބުން ހިޔާލު ތަފާތުވުމާއި، މުއާމަލާތްކުރުމުގައި ދަތިތަކާ ކުރިމަތިވެއެވެ. މިފަދަ މާލީ ދަތިތަކުން އަރައިގަތުމަށް ގިނަ ފަހަރަށް ހަރަދުކުރުމާއި، ބަޖެޓް ހެދުމާއި، ނިންމުންތައް ނިންމުމާ ގުޅޭގޮތުން ހިޔާލު ތަފާތުވުންތައް އުފެދޭ ތަން އާދެއެވެ. ނަތީޖާއަކަށްވެގެންދަނީ އާއިލާގެ ގުޅުން ހީނަރުވެ އެކަކު އަނެކަކަށް މޫނު ކެނޑިގެން ދިއުމެވެ. ހާއްސަކޮށް މައިންބަފައިންނަށް ދަރިންނަށް ބޭނުންވާ ކަންކަން ފުއްދައިދިނުމުގައި ދަތިތަކާ ކުރިމަތިވެ، އޭގެ ސަބަބުން އެމީހުންނަށް ނުކުޅެދުންތެރިކަމާއި ކުށްވެރިވުމުގެ އިހުސާސްވެސް ކުރެވެއެވެ. ހަމަ އެގޮތަށް ދަރިންނަށްވެސް މިކަމުގެ ސަބަބުން ހިތްހަމަނުޖެހުންތައް އުފެދި، ކަންބޮޑުވުމާއި ބިރުވެރިކަމާއި އެކަހެރިވުމުގެ އިހުސާސްތައް ކުރިމަތިވެއެވެ.

މީގެއިތުރުން ހަރަދުތައް ކުޑަކުރުމަށް ގިނަ ފަހަރަށް ކުޑަ ގެއަކަށް ބަދަލުވުމާއި، ސްކޫލް ބަދަލުކުރުމާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރުން ހުއްޓާލާތަން އެބަ އާދެއެވެ. މިކަމުގެ ސަބަބުން ދަރިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށްވެސް އަސަރު ކުރެއެވެ. ފުދުންތެރި އާއިލާއެއް ބިނާކުރުމަކީ ދިގު މުއްދަތެއްގެ މަސައްކަތެކެވެ. މިކަމަށްޓަކައި ކެތްތެރިކަމާއި، ގުރުބާނީއާއި، އެކަކު އަނެކަކަށް އެހީތެރިވުމަކީ މުހިންމު ކަމެކެވެ. ފުދުންތެރި އާއިލާއެއް ބިނާ ކުރުމަށްޓަކައި ސަމާލުކަން ދޭން ޖެހޭ ކަންކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ.

ޒަވާޖީ ހަޔާތެއްގެ ބިންގާ އެޅުމުގެ ކުރިން ރަނގަޅަށް ތައްޔާރުވުން

އާއިލާއެއް ފެށުމަކީ ހަގީގަތުގައި ބޮޑު ޒިންމާއެކެވެ. ދަރިން ހޯދުމަށް ފަހު ދަރިންނަށް ހަރަދުކުރުމާއި ގެއަށް ބޭނުންވާ އަސާސީ ތަކެތި ހޯދުމަށާއި ބިލުތައް ދެއްކުމާއި މިފަދަ ހަރަދުތަކަކީ ކޮންމެހެން ކުރަން ޖެހޭ ހަރަދުތަކެވެ. އާއިލާއަށާއި ގެއަށް ބޭނުންވާ ވަރަށް ހަރަދުކުރެވޭނެ މަގެއް ނެތި ޒަވާޖީ ހަޔާތެއް ފެށުމަކީ ތިމާއަށް ވެސް ތިމާގެ ބައިވެރިޔާއަށް ވެސް އެކަމުގެ ގެއްލުން ކުރާނެ ކަމެކެވެ. އެހެންކަމުން ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން މިކަންކަމަށް ސަމާލުވެ ދުރާލާ ރުފިޔާ ރައްކާކުރުމާއި، އެހެނިހެން ކަންކަންވެސް ރާވާފައި އޮތުމަކީ މުހިންމު ކަމެކެވެ.

އުފާވެރި އާއިލާއެއް ބިނާކުރުމަށް ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ރަނގަޅަށް ތައްޔާރު ވާން ޖެހޭ

މީގެ އިތުރުން އުފާވެރި ދިރިއުޅުމަކަށް މަގު ކޮށާއިރު ތިމާއާއި އެކު މަސައްކަތް ކުރަން އިހްތިޔާރު ކުރެވެނީ ކޮން ކަހަލަ ބައިވެރިއެއްތޯ ދެެނެގަތުމަކީވެސް މުހިންމު ކަމަކެވެ. ތިމާގެ އާއިލާގެ ކަންކަމާއި ޒިންމާތަކާއި ދަރިންގެ ކަންކަން ރަނގަޅަށް ބެލެހެއްޓޭނެ ވަރުގެ މީހަކު ހިޔާރު ކުރުމަކީ މުހިންމު ކަމެކެވެ. މާލީ ގޮތުން ފުދުންތެރި ވިއަސް ތިމާގެ ކުޑަކުޑަ އާއިލާއަށާއި ތިމާއަށް އަޅާ ނުލާ ބައިވެރިއަކު ހުރުމަކީ އެކަމުގެ ސަބަބުން ގެއްލުންތައް ކުރިމަތިވާނެ ކަމެކެވެ. އެހެންކަމުން ފުދުންތެރި އަދި އުފާވެރި ދިރިއުޅުމެއް ހޯދަން މަސައްކަތް ކުރާއިރު އަހުލާގު ރަނގަޅު، ދީނީ ކަންކަމަށް ސަމާލުކަން ދޭ އަދި ދަރިން ރަނގަޅަށް ތަރުބިއްޔަތު ކުރުމުގެ ގާބިލުކަން ލިބިފައިވާ މީހަކު ހިޔާރުކުރުމަށް ސަމާލުކަން ދޭންވާނެއެވެ.

އާއިލާގެ ސިއްހަތަށް ސަމާލުކަން ދިނުން

ފުދުންތެރިކަމަކީ ހަމައެކަނި ފައިދާއާއި ތަނަވަސްކަން އެކަންޏެއްވެސް ނޫނެވެ. ސިއްހީ ގޮތުން ފުދުންތެރިވުމަކީވެސް އާއިލާގެ އުފާވެރިކަމަށާއި ދުޅަހެޔޮ ކަމަށް މުހިންމު ކަމެކެވެ. ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމާއި، ޖިސްމާނީ ދުޅަހެޔޮކަން ހިފެހެއްޓުމަށް ގަވައިދުން ކަސްރަތު ކުރުމާއި، ބޭސްފަރުވާއަށް ސަމާލުކަން ދިނުމަކީ ސިއްހީ ގޮތުން ފުދުންތެރިވުމަށް ކުރެވިދާނެ ކަންކަމެވެ. މީގެއިތުރުންވެސް އާއިލާގެ މެންބަރުންގެ ތައުލީމާއި ތަރުބިއްޔަތަށް އިސްކަން ދިނުމަކީވެސް މުހިންމު ކަމެކެވެ. ދަރިންނަށް ރަނގަޅު ތައުލީމެއް ދިނުމާއި، އެކުދިންގެ އަހުލާގު ރަނގަޅުކުރުމަށް މަސައްކަތް ކުރުމަކީވެސް މިކަންކަން ހާސިލުކުރުމަށް ސަމާލުކަން ދޭންޖެހޭ މުހިންމު ކަމެކެވެ.