ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ހާދިސާ އާ ގުޅިގެން ހައްޔަރު ކުރި ރައުދު އަހްމަދު ޒިލާލް މިއަދު ބަންދުން ދޫކޮށްލުމަށްފަހު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
އެ ހާދިސާއާ ގުޅިގެން އުމުރުން 21 އަހަރުގެ ރައުދު މިދިޔަ މަހުގެ 24 ވަނަ ދުވަހު ހައްޔަރު ކުރިއިރު އޭނާގެ ބަންދު ވަނީ 4 ފަހަރެއްގެ މަތިން އިތުރުކޮށްފައެވެ.
ރައުދުގެ ބަންދަށް ފުރަތަމަ ޖެހި 5 ދުވަހުގެ މުއްދަތު ހަމަވުމާއެކު އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 10 ދުވަހަށް ބަންދު ކުރުމަށްފަހު އެ މުއްދަތު ހަމަވުމުން ކޯޓުން ވަނީ އިތުރު 5 ދުވަހަށް އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
އެ މުއްދަތު ވެސް ހަމަވުމާއެކު ރަައުދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ އިތުރު 20 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ނަމަވެސް މިއަދު ހެނދުނު ރައުދު ބަންދުން ދޫކޮށްލީ އޭނާގެ ބަންދަށް އެންމެ ފަހުން ކްރިމިނަލް ކޯޓުން ޖަހާފައިވާ 20 ދުވަސް ހަމަނުވަނީހެވެ. އަދި މިއަދު މެންދުރުފަހަށް އަޑުއެހުމެއް ތާވަލްކޮށްފައި ވަނިކޮށް އިސްތިއުނާފު ބާތިލުކުރުމަށް ރައުދުގެ ފަރާތުން ހުށަހެޅުމުން އެ މައްސަލަ ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.
ރައުދު ދޫކޮށްލިތާ މާގިނަ އިރެއް ނުވަނީސް އަނެއްކާ އޭނާ ހައްޔަރުކޮށްފައި މިވަނީ ކްރިމިނަލް ކޯޓުން މިއަދު ނެރުނު އާ އަމުރެއްގެ ދަށުންނެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގެއިން ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ހާދިސާގައި ޔުމްނު އާއެކު އެގޭގައި އުޅުނު ރައުދު ހައްޔަރުކޮށްފައިވާ އިރު، މި ހާދިސާއާ ގުޅިގެން އިތުރު 7 މީހެއްގެ ޕާސްޕޯޓާއި ފޯނު ވެސް ވަނީ ހިފަހައްޓާފައެވެ. ރައުދުއަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހުން އޭނާއާ އެކު އުޅުނު ކަމަށް ބުނާ މީހާ އެވެ.