މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ އިންފޮމޭޝަން ޓެކްނޮލޮޖީ އޮފިސަރު 7 ދުވަހަށް ސަސްޕެންޑްކޮށްފިއެވެ.

ބްރޯޑްކޮމްގެ އައިޓީ އޮފިސަރު ސަސްޕެންޑްކޮށްފައިވާކަން އެ ކޮމިޝަނުގެ ރައީސް ސޮފާ ޝަފީގު ވަނީ ދަ ޕްރެސްއަށް ކަށަވަރުކޮށްދެއްވާފައެވެ.

ސަފާ ވިދާޅުވީ ބްރޯޑްކޮމްގެ އައިޓީ އޮފިސަރު ސަސްޕެންޑްކޮށްފައި ވަނީ އެ ކޮމިޝަންގެ ސާވާއަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުލީލަކުން ސުވާލު އުފެދޭ ކަންތައްތަކެއް ފާހަގަވެފައިވާތީ، އެކަންކަން ތަހުގީގު ކުރުމަށް ކަމަށެވެ. އޭނާ ސަސްޕެންޑްކޮށްފައި ވަނީ 7 ދުވަހަށް ކަމަށް ވެސް ސަފާ ވިދާޅުވިއެވެ.

ބްރޯޑްކޮމްގެ ސާވާއަކަށް ދިމާވި މައްސަލަ ހައްލުކުރުމަށް އެހީތެރިކަމަށް އެދުމުން ފުލުހުންގެ ޓެކްނީޝަނުންގެ ޓީމެއް އެ ކޮމިޝަނަށް ގޮސް މައްސަލަ ހައްލުކުރުމަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ފުލުހުން ބްރޯޑްކޮމްއަށް ގޮސްފައި ވަނީ މައްސަލައެއްގެ ތަހުގީގަށް ކަމަށް ބުނެ ދައްކަމުންދިޔަ ވާހަކަތައް ފުލުހުން ވަނީ ދޮގުކޮށްފައެވެ.

ބްރޯޑްކޮމްގެ ސެކެޓްރީ ޖެނެރަލް ސަސްޕެންޑްކުރުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހިގެން، މަސައްކަތް ހުއްޓާލުމަަށްފަހު އެ ކޮމިޝަނުގެ މުވައްޒަފުން ވަނީ އިއްޔެ ގެއަށްވެސް ގޮސްފައެވެ. މީގެ އިތުރުން ބްރޮޑްކޮމްގެ މުވައްޒަފުންގެ މަސައްކަތަތަކަށް އެ ކޮމިޝަނުގެ ރައީސް ސަފާ ޝަފީގު އަދި މެންބަރުން ހުރަސް އަޅަމުންދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެއެވެ.

ޕެޓިޝަންގައި ބުނެފައި ވަނީ ކޮމިޝަނުގެ ރައީސްގެ ފަރާތުންނާއި ބައެއް މެންބަރުންގެ ފަރާތުން އެ ކޮމިޝަނުގެ އިދާރީ ހިންގުމުގެ ހުރިހާ ކަންކަމަށް، ވަކި ހައްދެއް ހުދޫދެއް ނެތި، އިދާރީ އޮނިގަނޑަށް އިހްތިރާމް ކުރުމެއް ނެތި، ސެކްރެޓަރީ ޖެނެރަލާއި ޑިރެކްޓަރުންގެ ވާޖިބުތަކަށް ހުރަސް އަޅަމުންދާ ކަމަށެވެ.