ފުދުންތެރިކަން ދަށް އާއިލާތަކަށް ނުވަތަ ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓް މިނިސްޓްރީ އަދި މޯލްޑިވްސް އިސްލާމިކް ބޭންކްއިން މަޝްވަރާކޮށްފިއެވެ.
ދިވެހިރާއްޖޭގައި ފަގީރުކަން މަދުކުރުމަށް ކުރިއަށް ގެންދާ މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް އެމްއައިބީގެ އިސް މުއައްސިސުންނާ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވަނީ ބައްދަލުކުރައްވާފައެވެ.
މި ޕްރޮގްރާމުގެ ދަށުން:
- އާމްދަނީ އިތުރުކުރުމާއި ވަޒީފާގެ ފުރުސަތުތައް ފަހިކުރުން
- އަސާސީ ހިދުމަތްތަކަށް ވާސިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުން
- ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން
- އާމްދަނީ ހޯދޭނެ މަސައްކަތްތައް ދަސްކޮށްދީ، ވަސީލަތްތައް ފޯރުކޮށްދިނުން
ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓް މިނިސްޓްރީއިން ބުނީ މޯލްޑިވްސް އިސްލާމިކް ބޭންކުން ވަނީ ދިވެހި މުޖުތަމައުގައި ތިބި އެންމެ ނިކަމެތި ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެއް ހިންގުމަށް ކަމަށެވެ. އަދި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކާއެކު މިނިސްޓްރީއިން މިހާރު ވެސް ގާތުން މަސައްކަތްކުރަމުންދާއިރު، މިނިސްޓްރީއާއެކު މި މަސައްކަތް ކުރުމަކީ ނިކަމެތި އަދި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ހާލަތު ބަދަލުކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމެއްގެ ގޮތުގައި އެމްއައިބީން ފާހަގަކޮށްފައިވެއެވެ.