ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް 141 ފަރާތަކުން ފޯމު ހުށަހަޅާފައިވާކަމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީން ބުނެފިއެވެ.
އެ ކޮމިޓީން މިއަދު ބުނީ ފޯމު ހުށަހެޅި މީހުންގެ ލިޔުންތައް މިހާރު ބަލާފައިވާކަމަށާއިމ އިންޓަވިއުއަށް ޝަރުތު ހަމަވާ މީހުން ކަނޑައަޅާ މިއަދު ވަނީ އެ މީހުންނާ އިންޓަވިއުތައް ކުރަން ވެސް ފަށާފައި ކަމަށެވެ. މި އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވެފައި ވަނީ ނިމިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ.
ގައުމީ އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުލާސްތެރިކަމާ އެކުގައި ކޮށްފައިވާ ހިދުމަތްތަކަށާ އަދި އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ އައްޑަނައަކާއި ޝަރަފުގެ ބެޖަކާ އަދި ހަނދާނީ ލިޔުމެކެވެ. މި އިނާމު ދިނުން މި އަހަރު ކުރިއަށްދާނީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.
މިދިޔަ އަހަރު ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކުރި 53 މީހަކަށާއި ތައުލީމީ ދާއިރާއިން މަތީ ދަރަޖަ ހޯދި 40 މީހަކަށް ރައީސް ވަނީ އިނާމު ދެއްވާފައެވެ. އަދި މިދިޔަ އަހަރު ގައުމީ އިނާމު 7 ބޭފުޅަކަށާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު 10 ބޭފުޅަކަށާއި، ކުންފުންޏަކަށް ވަނީ ދެއްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ގައުމީ އިނާމަށް އެއް އަހަރެއްގެ ތެރޭގައި އެކަކު ނަން ހުށަހަޅާފައިވާ ނަމަ، އެ މީހަކަށް އެ އަހަރަކު ދޭނެ އިނާމެއް ކަނޑައަޅާނީ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.