ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން ބުނީ، މިތަކެތި އަތުލައިގެންފައި ވަނީ ހުސްވި އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ކުރިއަރު މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން އަތުލައިގަނެވުނު މަސްތުވާތަކެތި ފުރަތަމަ މަރުޙަލާގެ ތަހުލީލުތަކުން ކޮކެއިނަަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1020 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 2.5 މިލިއަން ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަަށް ކަސްޓަމްސްއިން މައުލޫމާތު ދީފައި ވެއެވެ.
ކަނޑާއި ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން މަސައްކަތް ކުރަނިކޮށް މީގެ ކުރިން ވެސް އެކި ބާވަތަކުގެ މަސްތުވާތަކެތި އަތުލައިގެންފައި ވެއެވެ. އެގޮތުން މިދިޔަ މާޗް މަހުވެސް ވަނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ކިލޯއެއްގެ ކެނެބިސް ކަސްޓަމްސްއިން އަތުލައިގެނެފައެވެ. އެ ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 856،000 ލައްކަ ރުފިޔާއަށް އަރާނެ ކަމަށް އޭރު ކަސްޓަމްސްއިން ބުނެފައި ވެއެވެ.
މީގެ އިތުރުންވެސް ފަހަކަށް އައިސް އެކިއެކި މަސްތުވާތަކެތީގެ މައްސަލަތަކުގައި ދަނީ ގިނަ އަދަދެއްގެ ދިވެހިން ހައްޔަރު ކުރަމުންނެވެ. އަދި އެފަދަ މައްސަލަތަކުގައި ހައްޔަރު ކުރަމުން އަންނަ އަންހެނުން ވެސް ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންކަން ފާހަގަކޮށްލެވެއެވެ.