މި ސީޒަންގެ އެފްއޭ ކަޕް މުބާރާތް ކާމިޔާބުކޮށް ކްރިސްޓަލް ޕެލަސްއިން އެޓީމުގެ ތާރީހުގައި ވެސް ހޯދި ފުރަތަމަ މުހިއްމު ތަށި އުފުލާލައިފިއެވެ.

މިރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗު ޕެލަސްއިން ކާމިޔާބުކުރީ 1-0 އިން މެންޗެސްޓާ ސިޓީ ބަލިކޮށްގެންނެވެ. މި މެޗުގެ ހަމައެކަނި ލަނޑު ޕެލަސްއަށް ޖަހާ ދިނީ މެޗުގެ 16 ވަނަ މިނެޓްގައި އެޒޭއެވެ.

ވަރުގަދަ ޑިފެންސިވް ކުޅުމެއް ޕެލަސްގެ ފަރާތުން ފެނިގެން ދިޔަ އިރު ސިޓީން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް އުފައްދާފައެވެ. މީގެ ތެރެއިން އެންމެ ރަނގަޅު ފުރުސަތަކީ މެޗުގެ 36 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއެވެ.

އެހެން ނަމަވެސް މިސްރުގެ ފޯވަޑް އޮމަރް މާމޫޝް ފޮނުވާލި ޕެނަލްޓީ ޕެލަސްގެ ކީޕަރު ޑީން ހެންޑާސަން ހުޝިޔާރު ކަމާއެކު ސަލާމަތް ކުރި އިރު ދެން ޖެހިގެން އައި ޝޮޓްވެސް ހެންޑާސަން ސަލާމަތްކުރިއެވެ.

މިމެޗުގައި ހެންޑާސަންގެ ފަރާތުން މޮޅު ގިނަ ސޭވްތަކެއް ފެނިގެން ދިޔައެވެ.

ދެވަނަ ހާފްގައި ވެސް ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ސިޓީން ކުޅެމުން ދިޔަ ނަމަވެސް އެޓީމުގެ ޑިފެންސް ފޫއަޅުވާލާ އަނެއްކާވެސް ލަނޑެއް ޖެހީ ޕެލަސްއިންނެވެ. އެހެން ނަމަވެސް ޑިފެންޑަރު މުއިނޯޒް ޖެހި މިލަނޑު އޮފްސައިޑް ކަމަށް މެޗުގެ ރެފްރީ ނިންމިއެވެ. މެޗުގައި ސިޓީން ދެން ވެސް ހަމަލާތައް އުފެއްދި ނަމަވެސް މެޗު ނިމިގެން ދިޔައީ 1-0 އިން ކްރިސްޓަލް ޕެލަސް މޮޅުވެގެންނެވެ.

މި ނަތީޖާއާއެކު ސިޓީ މިވަނީ ޖެހިޖެހިގެން ދެ ސީޒަންގައި އެފްއޭކަޕް ފައިނަލަކުން ބަލިވެފައެވެ. އަދި މި ސީޒަން އެޓީމުން ނިންމާލަން މި ޖެހުނީ އެއްވެސް ތައްޓެއް ނުލިބިއެވެ. މިއީ 2017 ވަނަ އަހަރުގެ ފަހުން ތައްޓެއް ނުހޯދާ ސިޓީން ސީޒަނެއް ނިންމާލާނެ ފުރަތަމަ ފަހަރެވެ.