އަންނަ ސީޒަންއިން ފެށިގެން އިންގްލިޝް ޕްރިމިއާ ލީގުގެ މެޗުތަކުގައި ކުޅުމުގެ ތެރެއިން ދިމާވާ އެކި އެކި މައްސަލަތަކުގައި މެޗުގެ ރެފްރީއާ ވާހަކަ ދެއްކޭނީ ހަމައެކަނި ޓީމުތަކުގެ ކެޕްޓަނުންނަށް ކަމަށް އެ ލީގުން ނިންމައިފިއެވެ.

އިންގްލިޝް ޕްރިމިއާ ލީގުން ބުނީ މި ގޮތަށް މިހާރު ގަވައިދުތައް ބަދަލުކޮށްފައިވާ ކަމަށާ މި ގަވައިދުތަކަކީ ފުޓްބޯޅައިގެން ގަވައިދުތައް ހަދާ އިންޓާނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަންސް ބޯޑުން މިއަހަރުގެ މާޗް މަހު ފާސްކޮށްފައިވާ ގަވައިދުތަކެއް ކަމަށެވެ.

މި އާ ގަވައިދުތައް ބުނާ ގޮތުުން މެޗުގެ ތެރޭގައި ދިމާވާ މައްސަލައިގައި ރެފްރިއާ ވާހަކަ ދެއްކުމަށް ދެވޭނީ ކޮންމެ ޓީމަކުން ވެސް އެންމެ ކުޅުންތެރިއަކަށެވެ. އަދި އެކުޅުންތެރިއަކީ ޓީމުގެ ކެޕްޓަނަށް ވުމަށް ލީގުން ބާރު އަޅައެވެ. ޓީމުގެ ކެޕްޓަނަކީ އެޓީމެއްގެ ގޯލު ކީޕަރު ނަމަ އޭނާގެ ބަދަލުގައި ދަނޑު މަތީ ރެފްރީއާ ވާހަކަ ދައްކާނެ އެހެން ކުޅުންތެރިއަކު ހޮވިދާނެއެވެ.

އަންނަ ސީޒަންގައި އަމަލު ކުރަން ފަށާ އާ ގަވައިދުގެ ދަށުން ކުޅުންތެރިންނަށް ރެފްރީއާ އާ ވާހަކަ ދައްކަން ދާ ނަމަ އެ ކުޅުންތެރިންނަށް ދުރަށް ދިއުމަށް ރެފްރީއަށް އަމުރުކުރެވޭނެއެވެ. އަދި އެއަމުރަށް ކިޔަމަންތެރި ނުވާ ކުޅުންތެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރު ރެފްރީންނަށް ލިބިގެންދާނެއެވެ.

މި ގަވައިދަށް އެންމެ ފުރަތަމަ އަމަލުކުރަން ފެށީ 2024 ވަނަ އަހަރުގެ ޔޫރޯގައެވެ. އަދި މި ސީޒަންގައި ޔޫއެފްއާއިން ކުރިއަށް ގެންދާ ތިން މުބާރާތުގައި ވެސް އަމަލުކުރަމުން ދަނީ މި ގަވައިދަށެވެ.