ދިވެހި ސިފައިންނަކީ ގައުމު އެދި ގޮވާލާ ކަންކަން ކުރުމަށް ފަސްޖެހުމެއް ނެތި މަސައްކަތް ކުރާ ބައެއް ކަމަށާއި އެ ފަދަ މަސައްކަތުން ފެނިގެން ދަނީ ރައްޔިތުންނަށް އޮންނަ ލޯބި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ، މޯލްޑިވްސް ބްލަޑް ސާވިސަސް އާއި ތެލެސީމިއާ ސެންޓަރު "އޮރެންޖު ހިޔާ" އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ކުރި ސިފައިންނާ ބައްދަލުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސިފައިންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ، ދިވެހި ސިފައިންނަކީ ގައުމު އެދި ގޮވާލާ ކޮންމެ ކަމެއްގައި، ފަސްޖެހުމެއް ނެތި، ހުށިޔާރު ކަމާއި، ޝައުގުވެރިކަމާ އެކީގައި މަސައްކަތް ކުރާ ބައެއް ކަމަށެވެ. ސިފައިންނާ ހަވާލުކުރާ ކޮންމެ މަސައްކަތަކުން ވެސް ހާމަކޮށްދެނީ ދިވެހި ރައްޔިތުންނަށްޓަކައި ސިފައިންގެ ހިތުގައި އޮންނަ ލޯބި ކަމަށް ރައިސް ވިދާޅުވިއެވެ.
އޮރެންޖު ހިޔާގައި ތެލެސީމިއާ ސެންޓަރު ގާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކަނޑައެޅިގެން ދިޔަ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި އެ މަސައްކަތް ނުކުރެވި އޮއްވައި، ސިފައިންނާ އެ މަސައްކަތް ހަވާލުކުރީ ތެލެސީމިއާ ކުދިން އުޅޭ ސީރިއަސް ހާލަތު އެނގިވަޑައިގެން، އެފަރާތްތަކަށް ވީހާވެސް އަވަހަކަށް، ވީހާވެސް ފުރިހަމަ ކަމާއެކު އޮރެންޖު ހިޔާގައި މޯލްޑިވްސް ބްލަޑް ސާވިސަސް ގާއިމް ކުރުމުގެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިފައިންނާ ހަވާލުކުރި މަސައްކަތުގައި ސިފައިންގެ އެންމެ މަތީ ލެވެލުން ފެށިގެން ހުރިހާ ލެވެލެއްގައި ބައިވެރިވުން ފެނިގެން ދިޔަ ކަމަށާއި، އެތަން ނިންމާލާފައި ވަނީ ވަރަށް ފުރިހަމަ ކަމާ އެކުކަން ފާހަގަކުރައްވައި ރައީސް ޝުކުރު އަދާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މޯލްޑިވްސް ބްލަޑް ސާވިސަސް "އޮރެންޖު ހިޔާ" އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ސިފައިން ކޮށްދެއްވާފައި ވާތީ، އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއް ދިވެހި ސިފައިންނަށް އަރުވާފައެވެ. އެމްއެންޑީއެފްގެ ފަރާތުން މި ފިލައާ ހަވާލުވެ ވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ. އަދި މި މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަގުވަޒަންކުރުމުގެ ލިޔުން ވަކިވަކިން ދެއްވާފައެވެ.
މި ރަސްމިއްޔާތުގައި، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، އެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިން ބައިވެރިވެޑައި ގެންނެވިއެވެ.
ތެލެސީމިއާ ސެންޓަރު ހުޅުމާލޭގައި ހުންނަ އޮންރެންޖް ހިޔާއަށް ބަދަލު ކުރުމަށް ސިފައިންނާ ހަވާލުކޮށްފއި ވަނީ މިދިޔަ މާޗް މަހުގެ ފަހުކޮޅުއެވެ. އެ މަސައްކަތް ނިންމައި ތެލެސީމިއާ ދުވަސް ކަމުގައިވާ މި މަހުގެ 8 ވަނަ ދުވަހު ސިފައިން ވަނީ ހެލްތް މިނިސްޓްރީއަށް އެތަން ހަވާލުކޮށްފައެވެ. އެއާއެކު އެ ދުވަހު ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ދެހަފްތާ ތެރޭގައި ތެލަސީމިއާ ސެންޓަރާއި މޯލްޑިވިއަން ބްލަޑް ސާވިސް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށުން ހިންގަން ނިންމާފައިވާ ކަމަށެވެ.