ރާއްޖޭގެ އެންމެ އުތުރަށް ވިޔަފާރީގެ އިންގިލާބެއް ގެންނާނެ ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މުޅި މަޝްރޫއުގެ 83 ޕަސެންޓްގެ މަސައްކަތް ނިމިފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ބުނެފިއެވެ.

އާރްއޭސީއެލް އިން ބުނީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އެޅުމުގެ މަސައްކަތުގެ 83 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. މިއީ ރާއްޖޭގައި ހިންގާ މުހިއްމު އުމްރާނީ މަޝްރޫއުއެއް ކަމަށާއި މި މަސައްކަތް މިހާ ހިސާބަށް ދިއުމަކީ ހާސިލްވި މުހިއްމު ލަނޑުދަނޑިއެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.

ހަނިމާދޫ އެއާޕޯޓް މަޝްރޫއުގެ މަސައްކަތަކަށް ބަލާއިރު، 2400 މީޓަރުގެ ރަންވޭ އަދި އޭޕްރަންގެ މަސައްކަތާއި، 10،500 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލް ބިލްޑިންގެ މަސައްކަތް ހިމެނެއެވެ. ހަމައެއާއެކު 3800 އަކަމީޓަރުގެ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މަސައްކަތާއި ފިއުލް ފާމް އަދި ފިއުލް ޖެޓީގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން އެއާޕޯޓަށް ބޭނުންވާ މަގުތައް ހެދުމުގެ މަސައްކަތާއި މި މަޝްރޫއުގެ ދަށުން އިމާރާތް ކުރަމުންދާ އެމްއެންޑީއެފް މަރުކަޒުގެ މަސައްކަތް ވެސް ހިމެނެއެވެ.

ހަނިމާދޫ އެއާޕޯޓް މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރާ މަސައްކަތަކަށް ވާއިރު އެއާޕޯޓް ހެދުމުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ހަނިމާދޫ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އަދި މި މަޝްރޫއުގެ މަސައްކަތް މި އަހަރު ޖުލައި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އާރްއޭސީއެލް އިން ބުނެއެވެ.