ހއ. ބާރަށުގައި ޕޮލިސް ސްޓޭޝަނެއްގެ އިތުރުން 500 މީހުންގެ ޖާގައިގެ މިސްކިތެއްގެ އަމަލީ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2198 މީހުންގެ އާބާދީއެއް އޮންނަ ބާރަށުގައި މިފެށިގެންދާ މަޝްރޫއުތަކުގެ މަސައްކަތް ނިމުމާއެކު އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ފައިދާތަކެއް ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.
އެމްޓީސީސީން ބުނީ މި ރަށުގައި ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމުގެ މަޝްރޫއުގެ ދަށުން 2 ފަންގިފިލާގެ އިމާރާތެއް ބިނާކުރެވޭނެ ކަމަށާއި، ޕޮލިސް ސްޓޭޝަނެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ގާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި މި ރަށުގައި ގާއިމުކުރެވިގެންދާ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ނަމާދުކުރާ ހޯލަކާއ،ި އިމާމު މީހާއަށް ކޮޓަރިއެއްގެ އިތުރުން އަންހެން އަދި ފިރިހެނުންނަށް ވުޟޫ ކުރާނެ ސަރަހައްދެއް ބިނާކުރެވިގެން ދާނެ ކަމަށެވެ. މީގެއިތުރުން މިސްކިތް އޭސީ ކުރުމާއި 3 ފާހަނަ އިމާރާތްކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ހއ. ބާރަށުގެ އިތުރުން ރ. ކިނޮޅަހުގައިވެސް ޕޮލިސް ޕޯސްޓެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށަން އެމްޓީސީސީން ވަނީ ތައްޔާރުވެފައެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 1 ފަންގިފިލާގެ އިމާރާތެއް ބިނާކުރެވޭނެ ކަމަށާއި، ޕޮލިސް ޕޯސްޓެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ގާއިމުކުރެވޭނެ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތައް ވަނީ ނުފެށި ނުވަތަ ހުއްޓިފައި ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުފުޅުގެ ދަށުން މި ފަދަ މަޝްރުއުތައް އަވަހަށް ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެމްޓީސީސީ އިން ބުނީ އެ ކުންފުނީގެ އަމާޒަކީ މިފަދަ މަޝްރޫއުގެ މަސައްކަތްތައް ހަލުވި މިނުގައި ކުރިއަށް ގެންގޮސް ރައްޔިތުންނަށް ފައިދާ ވާނެ ފަދަ މަސައްކަތްތަކެއް ކޮށްދިނުމެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެމްޓީސީސީން ވަނީ ފާއިތުވި 44 އަހަރު ތެރޭ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.