ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އާއިޝަތު އަސްނާ ހަމްދީ އައްޔަންކުރައްވައިފިއެވެ.

ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. އަސްނާގެ ނަން ދިރާސާކޮށް އޭނާ އާ އިންޓަވިއުކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން ނިންމީ އަސްނާ އައްޔަންކުރަން ފެންނަ ކަމަށެވެ.

އެއާއެކު މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަންކުރަން ފެންނަ ކަމަށް، ވޯޓުގައި ބައިވެރިވި 73 މެންބަރުންގެ އިއްތިފާގުން ފާސްވެފައިވާއިރު ރައީސް އެ މަގާމަށް ރަސްމީކޮށް އަސްނާ އައްޔަން ކުރެއްވީ މިއަދު އެވެ.

މަރުކަޒީ ބޭންކުގައި ހިދުމަތްކުރައްވާތާ 17 އަހަރު ވެފައިވާ އަސްނާ މިވަގުތު ހުންނެވީ އެ އިދާރާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އަސްނާ ހަވާލުވެ ހުންނަވަނީ އެމްއެމްއޭގެ ފައިނޭންޝަލް ޑިވެލޮޕްމަންޓްގެ މަގާމުގައެވެ. އަސްނާ ވަނީ 2014 ވަނަ އަހަރު ޔުނިވާސިޓީ އޮފް ނޮޓިންގްހަމުން، ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ފައިނޭންސްގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލުކުރައްވާފައެވެ.

މީގެ އިތުރުން ވެސް އޭނާ ވަނީ 2007 ވަނަ އަހަރު ޔުނިވާސިޓީ އޮފް އީސްޓް ލަންޑަނުން ބެޗެލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އޮނާސް)، 2005 ވަނަ އަހަރު އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސް އިން އެޑްވާންސްޑް ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، އަދި 2001 އިން 2003 އަށް، އިނިގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނުން، ޑިޕްލޯމާ އެންޑް ސެޓިފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވެއެވެ.

އަދި ހަމައެހެންމެ އަސްނާ ވަނީ ދާއިރާއިން ބައިނަލްއަގްވާމީ ފެންވަރުގެ އެވޯޑު ހާސިލުކުރައްވައި، ދިރާސީ ކަރުދާސްތައްވެސް ޝާއިއުކުރައްވާފައެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހްމަދު އިމާދު މާޗް މަހުގެ މެދުތެރޭ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މީޑިއާ އާ ހިއްސާކުރެއްވި ބަޔާނެއްގައި އިމާދު ވިދާޅުވީ، އޭނާ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން އިސްތިއުފާ ދެއްވަނީ ހުޅުމާލޭގައި ފައިނޭންޝަލް ސެންޓަރެއް އެޅުމަށް ކަމަށް ބުނެ، ބިމެއް ގަތުމަށް އެމްއެމްއޭ އިން ނިންމި ނިންމުމަކީ އޭނާގެ ނަޒަރުގައި އެ ތަނުގެ އަސާސީ މަގްސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުމަކަށް ނުވާތީ ކަމަށެވެ.