މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން ފުލުހުންގެ ބަންދުގައި ހުރި ރައުދު އަހުމަދު ޒިލާލްއާ ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުން ސުވާލުކޮށްފިއެވެ.
ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމުގެ ގޮތުން ކަމާ ގުޅުންހުރި ތަންތަނަށް ގޮސް ގުޅުންހުރި މީހުންގެ ބަޔާން ނަގަން ފަށާފައިވާކަން ރިޔާސީ ކޮމިޝަނުން ވަނީ އިއްޔެ ހާމަކޮށްފައެވެ.
ޔުމްނު ވެއްޓުނު މައްސަލަ ތަހްގީގުކުރަން ރައީސް ކޮމިޝަނެއް އުފެއްދެވީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ.
އެ ކޮމިޝަނަށް ރައީސް ދެއްވި ބާރުތަކުގެ ތެރޭގައި ހިމެނެނީ:
- ކޮމިޝަންގެ މަސައްކަތަށާއި ތަހްގީގަށް ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހިތެރިކަން ހޯދުން
- ކޮމިޝަނުން ކުރާ ތަހްގީގަށް ބޭރުގެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދުން
- ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން
- ހައްޔަރުކުރުމާއި ޖިނާއީ ތަހްގީގުތަކާ ގުޅޭ އެންމެހާ އަމުރުތަކަށް ކޯޓުގައި އެދުން
- ހާޒިރުކުރަން ޖެހޭ ފަރާތްތައް ހާޒިރުކޮށް ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ހެއްކާއި ލިޔެކިއުން ހުށަހަޅަން އެންގުން
- ކޮމިޝަނުން ބަލާ މައްސަލައެއް އެހެން ފަރާތަކުން ތަހްގީގުކޮށްފައިވާ ނަމަ އެ ތަހްގީގަކަށް ހޯދާފައިވާ ހެއްކާއި ލިޔެކިއުން ހޯދުން
މި މައްސަލައާ ގުޅިގެން މިދިޔަ މަހުގެ 24 ގައި ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލްގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށް، އޭނާގެ ބަންދަށް ވަނީ ފަސް ދުވަސް އިތުރުކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ޔުމްނުގެ އާއިލާގެ ފަރާތުން އޭނާގެ ދައްތަ ބުނީ، ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމަށާއި، އެ ރޭ ރައުދު ހިމެނޭހެން ހަތަރު މީހަކު ފެންޓެނޯއީގޭގައި ތިބި ކަމަށެވެ. ޔުމްނު އާ ހަވާލާދީ އޭނާގެ ދައްތަ އިތުރަށް ބުނީ، އެ ގެއަށް ދާން ޔުމްނަށް ދައުވަތު ދިނީ ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު ކަމަށެވެ.