ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ހަގީގީ ބަތަލުންނަކީ މަންމައިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ބައިނަލްއަގްވާމީ މަންމައިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ މަންމައިންގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ އެންމެ އަގުހުރި ގުރުބާނީ، މައިވަންތަކަމުގެ ލޯބި ކަމަށެވެ. އަދި ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަތަލުންނަކީ މަންމައިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ބައިނަލްއަގްވާމީ މަންމައިންގެ ދުވަހުގެ ތަހުނިޔާ އަދި ހެޔޮ ދުއާ ހުރިހާ މަންމައިންނަށް އަރިސްކުރައްވާފައެވެ.
ބައިނަލްއަގްވާމީ މަންމައިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 2 ވަނަ އާދިއްތަ ދުވަހުއެވެ. މިއީ މަންމައިންވާ ގުރުބާނީތައް ފާހަގަކޮށް، މަންމައިންގެ އަގުވަޒަންކޮށް، މަންމައިންނަށް ޝުކުރުއަދާކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.