މި މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިފިއެވެ.

މި މަހުގެ 24 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި ރައުދުގެ ބަންދަށް ފުރަތަމަ ޖަހާފައި ވަނީ 5 ދުވަހެވެ. އަދި ރައުދުގެ ބަންދަށް ފުރަތަމަ ޖެހި 5 ދުވަހުގެ މުއްދަތު ހަމަވުމާއެކު އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. މިއަދު އެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރަށް ފަސް ދުވަސް ޖަހައިފައެވެ.

ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން ފުލުހުން ރައުދު ބަންދުކޮށްފައިވަކޮށްފައިވާއިރު މި ހާދިސާގައި ޔުމްނު އަށް ލިބުނު އަނިޔާތަކަށް މެލޭޝިއާގައި ދަނީ ފަރުވާދެމުންނެވެ. އަދި އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަކަމަށް އާއިލާއިން ބުނެފައިވާއިރު މި ހާދިސާއާއި ގުޅޭ އިތުރު ވާހަކަތަކެއް އާއިލާއިން ވަނީ މީޑިއާގައި ހިއްސާކޮށްފައެވެ. އެގޮތުން މި ހާދިސާ ހިނގި ހ. ފެންޓެނޯއީ ގޭގައި އެެރޭ އުޅުނީ މި މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލު އެކަނި ނޫންކަމަށާއި އިތުރު ހަތަރު މީހުންވެސް ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބިކަމަށް ޔުމްނު އާއި ހަވާލާދީ އާއިލާއިން ވަނީ ބުނެފައެވެ.

މި މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އިހުމާލުވެފައިވާކަމަށް ބުނެ މާލޭގައި މުޒާހަރާކޮށްފައިވާއިރު، ފުލުހުން ބުނީ ޔުމްނުގެ ބަޔާން ނެގުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެކަމަކު، ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން އެ ކަން މިހާތަނަށް ކުރެވިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.