އޮޔާދާ ސްރީލަންކާގެ މަސްބޯޓަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ، ސްރީލަންކާގެ މަސްބޯޓު "ސަންޑާލީ ވެލެންޓިނާ" އޮޔާދާކަމުގެ މައުލޫމާތު ލިބުމާއެކު ސްރީލަންކާގެ ކަމާއިބެހޭ އިދާރާތަކުން އެމްއެންޑީއެފް ކޯސްޓްގާޑަށް ދީފައިވާ ކަަމަށެވެ.
އެއާއެކު އެމްއެންޑީއެފް ކޯސްޓްގާޑުން އެ ބޯޓު މޮނީޓާކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އަދި ހަމަ އެހެންމެ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓުގާޑުގެ ފާސްޓް އިންޓަސެޕްޓާ ކްރާފްޓް "ދޮށިމޭނާ" ގައި ސިފައިން އެ ބޯޓު އޮޔާދާ ސަރަހައްދަށް ދަތުރުކޮށް، މިއަދު ހެނދުނު 08:05 ހާއިރު، އައްޑޫ ސިޓީގެ ހުޅަނގުން، 15 ނޯޓިކަލް މޭލު ބޭރުން އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.
އެ ބޯޓުގައި 6 ފަޅުވެރިން ތިބި އިރު، އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް މައުލޫމާތު ދިނެވެ.