އޭޕްރީލް 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނުގެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާއާ ސުވާލު ކުރުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައި ވަނީ ޔުމްނުގެ ހާލަތު ރަނގަޅުވަމުން އަންނަ ކަން ހާމަކޮށް އޭނާގެ އާއިލާގެ ފަރާތުން ދިން ޕްރެސް ކޮންފަރަންސްގައި މި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ އަދި މި މައްސަލަ ބެލުމަށް ހަދާފައިވާ ކޮމިޝަން އިން ވެސް މައްސަލަ ބަލާ ގޮތަށް ފާޑުކިޔާފައި ވަނިކޮށެވެ.

މިއަދު ފުލުހުން ބުނީ، މި މައްސަލަ ރިޕޯޓު ކޮށްގެން، ފުލުހުން ސީންއަށް އެޓެންޑްވި ހިސާބުން ފެށިގެން ވެސް އަންހެން މީހާގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްގެ ގޮތުގައި ދެކި، އެ ފުރުސަތު ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް، އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާ ހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ލިބިފައި ނުވާ ކަަމަށް ފުލުހުން ބުނެއެވެ. އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާއާ ސުވާލުކުރަން ބޭނުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިއީ މިހާރުވެސް ހިނގަމުންދާ ތަހުގީގެއް ކަން ފާހަގަ ކުރަމުން ފުލުހުން ބުނީ، މައްސަލައާ ގުޅިގެން ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެ ފަރާތްތަކުން ފުލުހުންނަށް ދޭ މައުލޫމާތު ކަށަވަރު ކުރުމަށް ތަހުގީގުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށެވެ.

އިއްޔެ ޔުމްނުގެ އާއިލާއިން ބުނެފައި ވަނީ ޔުމްނުގެ ސިއްހީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި ނަމަވެސް އޭނާ މިހާރު ހުރި ހާލަތަށް ބަލާއިރު ނުކުޅެދޭ ހަލަތެއްގައި ހުރި ކަމަށެވެ. އެ ހާދިސާގެ ވާހަކަ ކިޔައިދިނުމުގެ ކުރިން ޔުމްނު ވަނީ އޭނާއަށް އިންސާފް ލިބޭނެތޯ ސުވާލުކޮށްފައި ކަމަށް އޭނާގެ ދައްތަ ބުނެއެވެ.އެއަށް ފަހު އޭނާ އެގެއަށް ދިޔައީ މި މައްސަލައިގައި ފުލުހުން ފޯން ހިފަހައްޓާފައިވާ މީޙުންގެ ތެރެއިން ޔައްސާރުގެ ދައުވަތަކަށް ކަމަށާއި ރައުދުގެ އިތުރުން ހަތަރު މީހުން އެގޭގައި އުޅުނު ކަމަށް ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ ބުނެފައި ވެއެެވެ.

މި މައްސަލައިގައި މިދިޔަ މަހުގެ 24 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ވަނީ ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށްފައެވެ. ފުރަތަމަ އޭނާގެ ބަންދަށް 5 ދުވަސް ޖެހުމަށްފަހު އެ ބަނދު ހަމަވުމުން ވަނީ އަނެއްކާ ބަންދަށް 10 ދުވަސް އިތުރުކޮށްފައެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މާދަމާއަށެވެ.

ހ. ފެންޓެނޯއީ ގެއިން ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ހާދިސާގައި ޔުމްނު އާއެކު އެގޭގައި އުޅުނު ރައުދު ހައްޔަރުކޮށްފައިވާ އިރު، މި ހާދިސާއާ ގުޅިގެން އިތުރު 7 މީހެއްގެ ޕާސްޕޯޓާއި ފޯނު ވެސް ވަނީ ހިފަހައްޓާފައެވެ.

މި ކޭސްގައި ހިމެނޭ ކަމަށް ފުލުހުން ހާމަކުރި 8 މީހުން:

  • ރައުދު އަހްމަދު ޒިލާލް، ގ. އެރިޔަދޫ (21އ)
  • އާއިޝަތު ލަޔާލީ އިގްބާލް، ގ. ނޯތުބްރީޒް (22އ)
  • އާމިނަތު ޖުނައިނާ ޖަމްޝީދު، ހ. ތިލަފަޅު (24 އ)
  • އިޒްދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގޭ ދެކުނުގެ (28އ)
  • ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒް (28އ)
  • ހުސައިން ހަމީސް އަލީ، ނ. ވެލިދޫ (28އ)
  • އިޖާޒް ޖާއިޒް، މާތޮޑާއަވަށް، އޭޕްރީލް، ގދ. ފަރެސްމާތޮޑާ (24އ)
  • ޔޫސުފް އަހްމަދު އަކްރަމް، މއ. މާންދޫގެ ދެކުނުގެ (24އ)

މި ހާދިސާ އާ ގުޅިގެން މައުލޫމާތު ދިނުމަށް އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ 'ސިއްރު' ބައްދަލުވުމުގައި ފުލުހުން ވަނީ މި މައްސަލައާ ގުޅޭ ސީސީޓީވީ ފުޓޭޖުތައް ދައްކާފައެވެ. އޭރު ފުލުހުން ބުނެފައި ވަނީ، އެ ޒުވާނާ ރޭޕްކުރި ކަމަށް މީސްމީޑިއާގައި އޮތް ނަމަވެސް އެފަދަ ހެއްކެއް ނެތް ކަމަށެވެ. އަދި އެ ޒުވާނާ ފުރާޅު މައްޗަށް ވެއްޓުނީ މީހަކު ކޮށްޕާލައިގެން ނޫން ކަމަށާއި، އޭނާ ވެއްޓުނީ އަމިއްލަ އަށް ކަމަށެވެ.

ވެއްޓުނު ޒުވާނާ ވެސް މަސްތުވާ އެއްޗަކަށް ޕޮޒިޓިވްވި ކަމަށާއި ނަމަވެސް އެއީ ކޮން ބާވަތެއްގެ އެއްޗެއް ކަން ދެނެގަނެވިފައެއް ނުވެއެވެ. އެ އަންހެން މީހާއާއެކު އުޅުނު ޒުވާނާ ވަނީ ކެނަބިސްއަށް ޕޮޒިޓިވް ވެފައި ކަމަށާއި އޭނާ ޔޫރިން ސާމްޕަލް ދީފައި ވަނީ އެ ހާދިސާ ހިނގިތާ އެއް ދުވަސް ފަހުން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

އެއަށްފަހު މި ކޭސްއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޒުވާނުން މުޒާހަރާ ކުރަން ފެށުމުން ފުލުހުން ވަނީ އިތުރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި މި ހާދިސާގައި ހިމެނޭ މީހުންގެ ވަނަވަރު އާންމުކޮށް އެ ހާދިސާ ހިންގި ދުވަހުގެ ސީސީޓީވީ ފުޓޭޖް ވެސް ވަނީ އާންމު ކޮށްފައެވެ. އެ ދުވަހު ފުލުހުން ދެއްކި ފިޓޭޖުން ފެންނަ ގޮތުގައި. ހ. ފެންޓެނޯއީ ގެއަށް އެ ދެމީހުން ވަންނަނީ މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު 4:30ގައެވެ. އެ ސީސީޓީވީ ފުޓޭޖުން ދައްކާ ގޮތުގައި 4:51 ގެ ފަހުން އެ އަންހެން މީހާއެއް ނުފެނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޔުމްނު ގެއްލިގެން ހޯދާ ވަގުތު ވެސް 7 ވަނަ ފަންގިފިލާގެ އެޕާޓްމަންޓްގައި ރައުދު ވަރަށް ގިނައިން ޓަކި ޖަހައެވެ. އެ އެޕާޓްމަންޓް ދޮރުގައި ޔުމްނު ވެސް ޓަކި ޖަހާތަން ފެނިފައި ވެއެވެ. އަދި އެ ދެމީހުން އެކުގައި ގޮސް އެ އެޕާޓްމަންޓް ދޮރު ކައިރީ ނިވާ ވާއިރު، ދޮރުގައި ޖެހިގަންނަ ނުވަތަ ދޮރު ލައްޕާލާ ޒާތުގެ އަޑެއް ވެސް އިވެއެވެ. މި މަންޒަރު ފެންނަނީ 7 ވަނަ ފަންގިފިލާއިން ކަމުގައި ވިޔަސް މި ފުޓޭޖުގައި ގަޑި ފެންނާކަށް ނެތެވެ. ފުލުހުން ބުނީ އެ ދެމީހުން އެ އިމާރާތުގެ އެއްވެސް އެޕާޓްމަންޓަކަށް ވަދެފައި ނުވާ ކަަމަށެވެ. އެއްވެސް އެޕާޓްމަންޓެއްގެ ދޮރު ވެސް ނުހުޅުވާ ކަމަށެވެ.

ޔުމްނު ވެއްޓުނު މި ހާދިސާއާއި ގުޅިގެން ގިނަ އަދަދެއްގެ ޒުވާނުން އެއްވެ އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންނެވެ. އެ ޒުވާނުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ވަކި ބަޔަކަށް ވަކި ގޮތަކަށް ފުލުހުން އަމަލު ކުރާ ކަމުގެ ތުހުމަތުގެ އިތުރުން މި ކޭސްގައި ބައިވަރު ކަންކަން ފޮރުވަން މަސައްކަތް ކުރާ ކަމަށް ބުނެފައި ވެއެވެ. އަދި ބައެއް ސަރުކާރުގެ އިސް މާގަމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދިނުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

އެއަށްފަހު މި މައްސަލަ ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާއްސަ ކޮމިޝަނެއް އުފައްދަވާފައެވެ. އެ ކޮމިޝަންގައި ޖުމްލަ ފަސް މެންބަރުން ތިއްބަވާއިރު، ރައީސް އަކީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުއެވެ. މި ކޮމިޝަނުން ވަނީ މި ހާދިސާއާ ގުޅޭ މައުލޫމާތު ހޯދުމަށް އާންމުންނަށް ޕޯޓަލްއެއް ހުޅުވާލާފައެވެ.