ހ. ފެންޓަނޯއީގެއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނީ އަމިއްލައަށް ނޫން ކަމަށް ޔުމްނުއާ ހަވާލާދީ އޭނާގެ އާއިލާއިން ބުނެފިއެވެ.

މީޑީއާއަށް ދިން އިންޓަވިއުއެއްގައި ޔުމްނުގެ ދައްތަ ބުނީ އޭނާ ވެއްޓުނީ އަމިއްލައަށް ނޫން ކަމަށާއި ރައުދު އަހްމަދު ޒިލާލްގެ އިތުރުން 4 މީހަކު އެވަގުތު އެ ގޭގައި ތިބި ކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ.

އެ ގެއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް ޔުމްނު ބުނެފައިވާކަން އޭނާގެ ދައްތަ ފާހަގަކޮށްފައިވެއެވެ. އަދި އެ ގެއަށް ދާން ދައުވަތު ދިނީ ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު ކަމަށް ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ ވަނީ ބުނެފައެވެ.

އެންމެފަހު ބަހަކަށް ޔުމްނު އަޅުގަނޑު ކައިރި ބުނެފައި ވަނީ އިންސާފު ލިބޭނެހޭ، ޔަގީންހޭ އިންސާފު ލިބޭނެކަން؟ މިއީ އަމިއްލައަށް ކުރި ކަމެއް ނޫނޭ، މީ ބަޔަކު ކުރި ކަމެކޭ! އޭނާ މަރަށް ދޫކޮށްލީ ބަޔަކުއޭ، އޭނަ އަމިއްލައަކަށް ނޫނޭ އެކަން ކުރީ
ޔުމްނުގެ ދައްތަ

މި ހާދިސާއަށް 20 ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކޮށް ޔުމްނުގެ ދައްތަ ބުނީ ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އަދި ފުލުހުން ވެސް އެކަށީގެންވާ ވަރުގެ އިންވެސްޓިގޭޝަންއެއް ކޮށްފައިނުވާ ކަމަށެވެ. އަދި ފުލުހުން ދޮގުތަކެއް ހަދާފައިވާ ކަމަށް ޔުމްނުގެ ދައްތަ ވަނީ ތުހުމަތުކޮށްފައެވެ.

ރައީސް އުފެއްދެވި ކޮމިޝަނުން ކުރަމުންދާ ތަހުގީގާ ގުޅިގެން އާއިލާއާ އެއްވެސް ކަހަލަ މުއާމަލާތެއް ކޮށްފަނުވާކަން ޔުމްނުގެ ދައްތަ ފާހަގަކުރިއެވެ. އަދި ފުލުހުން ވެސް އާއިލާއާ ސުވާލުކޮށްފައިނުވާތީ ތަހުގީގާމެދު އޭނާގެ ދައްތަ ވަނީ ސުވާލުއުފައްދާފައެވެ.

މީގެއިތުރުން އާންމުންގެ ފަރާތުން މައުލޫމާތު ހޯދުމަށް ކޮމިޝަނުން ޕޯޓަލްއެއް ހުޅުވާލާފައި ވާއިރު، ތަހުގީގު ހިންގަމުންދާ ގޮތާމެދު ވެސް ޔުމްނުގެ ދައްތަ ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި ޔުމްނުގެ ބަހެއްނެތި ފުލުހުން އޭނާގެ މައުލޫމާތުތައް އާންމުކޮށް ޔުމްނުގެ އަގުވައްޓާލީ ކަމަށް ވެސް ޔުމްނުގެ ދައްތަ ވަނީ ތުހުމަތުކޮށްފައެވެ.

ހ. ފެންޓަނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނިފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ. މި ހާދިސާގައި އޭނާއަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު މިހާރު ފަރުވާދެމުންދަނީ މެލޭޝިއާގައެވެ.